ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފަދަ ރައީސެއް ލިބުމުން ޝުކުރުވެރިވާންޖެހޭ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ރޭ ވާހަކަދައްކަމުން އާޒިމް ވިދާޅުވީ މިހާ ފުރިހަމަކޮށް ގައުމަށް ކުރިއަށްގެންދިޔަ ސަރުކާރެއް މިހާތަނަށް ރާއްޖެ އަށް އައިސްފައި ނުވާ ކަމަށާއި މިވަރުގެ ރައީސެއް ލިބުމުން އަބަދުވެސް ޝުކުރުވެރިވާންޖެހޭ ކަމަށެވެ.
”އަބަދަކު ލިބޭނެ ކަހަލަ ބޭފުޅެއް ނޫން މިއީކީއެއް.“ އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ހަގީގީ ތަރައްގީ އަކީ ކޮންކްރީޓް ތަރައްގީ އާއި އިންސާނީ ތަރައްގީ ކަމަށާއި މި ސަރުކާރުން އެ ދެ ތަރައްގީ އެއްކޮށް ކުރިއަށްގެންދާ ކަމަށެވެ. އިންސާނީ ތަރައްގީ ވަރުގަދަކުރުމަށްޓަކާ ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފަށާފައިވާ ކަމަށާއި ކޮންކްރީޓް ތަރައްގީ ނުހިނގާ ރަށެއް މިހާރު ރާއްޖޭގައި ނެތް ކަމަށް އާޒިމް ވިދާޅުވި އެވެ.
”ކޮންކްރީޓް ތަރައްގީ އަންނަންޖެހޭ، ނަރުދަމާ އަންނަންޖެހޭ ފެން އަންނަންޖެހޭ. ހޮސްޕިޓަލުތައް އަންނަންޖެހޭ. ހަމަ އެއާއެކު އެ ތަންތަން ބަލަހައްޓާނެ ކިޔަވައިގެން ތިބި ވަރުގަދަ ޖީލެއް ވެސް އަންނަންޖެހޭ. މި ހުރިހާ ކަމެއްގައި އެއްކޮށް ބިންގާ އެޅިގެން ނޫންތޯ މިއަދު ކުރިއަށް މިދަނީ.“ އާޒިމް ވިދާޅުވި އެވެ.
މި ސަރުކާރުން ރާއްޖޭގެ އެކި ރަށްތަކުގައި ހިންގާ ޕްރޮޖެކްޓްތައް ފުރިހަމަ ކުރުމުގައި އެންމެ މައި ރޯލެއް އަދާކުރާ ކުންފުންޏަކީ އެމްޓީސީސީ އެވެ. އެގޮތުން އެމްޓީސީސީން ވަނީ ފާއިތުވި ތިން އަހަރުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފަ އެވެ.