މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ހަރަދު ކުޑަކުރުމުގެ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މުހިއްމު ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.
ޕީޖީއިން ނެރުނު ބަޔާނެއްގައި ބުނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔެއަށް ކުރިމަތިވަމުންދާ އިގްތިސާދީ މައްސަލަތަކާ ވިދިގެން ދިވެހިރާއްޖެއަށް ކޮށްފާނެ އަސަރުތައް ކުޑަކުރުމަށް ދިވެހި ދައުލަތުން އަޅާފައިވާ ފިޔަވަޅުތަކުގައި ބައިވެރިވުމުގެ ގޮތުން، އެ އޮފީހުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން އަންނަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އަންނަނިވި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެގޮތުން ޕީޖީން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް ބަލާއިރު:
ކޮންމެ އަންގާރަ ދުވަހަކީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުން.
ރަސްމީ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުން.
އޮފީސް ހުޅުވާފައި ހުންނަ ވަގުތު މަދުކުރުމާއި، ކަރަންޓު ބޭނުންކުރުން މަދުކުރުން.
ކަރުދާސް ބޭނުންކުރުން މަދުކުރުން.
އޮފީސް ވެހިކަލް ބޭނުންކުރާ މިންވަރު މަދުކުރުން.
ޕީޖީ އޮފީހުން ބުނީ މި މުއްދަތުގައި ކޮންމެ އަންގާރަ ދުވަހަކު އޮފީހުގެ މުވައްޒަފުން އާއްމު އުސޫލެއްގެ ގޮތުން ގޭގައި ތިބެގެން މަސައްކަތްކުރި ނަމަވެސް ކޮންމެހެން އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް ހާޒިރުވެ ކުރަމުން ގެންދާނެ ކަމަށާއި، ކޯޓު އަޑުއެހުންތަކަށް ގަވާއިދުން ހާޒިރުވަމުން ދާނެ ކަމަށެވެ.
ރަސްމީ ބައްދަލުވުންތަކުގެ ތެރެއިން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ބައްދަވުންތަކާއި، އޮންލައިންކޮށް ކުރިއަށްގެންދިއުމުގެ ސަބަބުން ބައްދަލުވުމުން ނެރެވިދާނެ ނަތީޖާއަށް އުނިކަމެއް އައިސްދާނެކަމަށް ބެލެވޭ ބައްދަލުވުންތައް ހާޒިރުވެގެން ކުރިއަށް ގެންދާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ޕީޖީ އޮފީހުން ބުނީ އެ އޮފީހުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައިވެސް މެންދުރު 14:00 ގެ ފަހުން ގޭގައި ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ބާރުއެޅުމާއި އޮފީސް ބަންދު ކުރާ ގަޑި 18:00 އަށް އަވަސްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހަމައެހެންމެ އެ އޮފީހުގެ މަސައްކަތްތައް މުޅިން ޑިޖިޓަލައިޒްކޮށް ކަރުދާސް ބޭނުންކުރުން ހުއްޓާލުމަށް ޕީޖީން ގެންގުޅޭ ސިޔާސަތުގެ ދަށުން، އެ އޮފީހުން ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމަށް އެ މުއްދަތުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށްވެސް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ މި ބަދަލުތަކުގެ ސަބަބުން އެ އޮފީހުން އާއްމުންނަށް ނުވަތަ އިދާރާތަކަށްދޭ ހިދުމަތްތަކަށް އެއްވެސް އުނިކަމެއް ނުވަތަ ލަސްކަމެއް ނާންނާނެ ކަމަށާއި، އެ މުއްދަތުގައިވެސް އަދި އަބަދުވެސް online.pgo.mv me މެދުވެރިކޮށް އެ އޮފީހުގެ ހިދުމަތްތައް ހޯއްދެވުމަށް އެންމެހާ ރައްޔިތުންނާއި އިދާރާތަކަށް ބާރުއަޅާ ކަމަށެވެ.



