ކައުންސިލް އަދި އަންހެނުންގެ ކޮމިޓީ (ޑަބްލިއުޑީސީ)ގެ އިންތިހާބުގައި ވޯޓު އެއްވަރުވެގެން ދެވަނަ ބުރު ބާއްވަން ޖެހޭ ގޮނޑިތަކުގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާކަން އިލެކްޝަންސް (އީސީ)ން މިއަދު އިއުލާންކޮށްފި އެވެ.
މިކަން ހާމަކުރެއްވީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމުގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ދެއްވި ހާއްސަ މެސެޖެއްގަ އެވެ.
ޒާހިދު މިއަދު ދެއްވި ބަޔާނެއްގައި ވިދާޅުވީ، އިންތިޚާބުތައް ކުރިއަށްގެންދިޔައީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ކަމަށެވެ.
އޭނާ ވިދާޅުވީ އިންތިޚާބުތަކުގެ ޝަކުވާގެ ގޮތުގައި ޖުމްލަ 170 ޝަކުވާ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ލިބިފައިވާއިރު، ގާނޫނީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، ޝަކުވާތަކަށް ޖަވާބުދިނުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާކަމަށެވެ.
އިންތިހާބުތަކާ ގުޅިގެން ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހަޅައިފައިވާ ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަނުން ދޭ ޖަވާބުތަކާ މެދު ހިތްހަމަނުޖެހޭ ނަމަ، އެ މައްސަލައެއް ހައިކޯޓަށް ހުށަހެޅުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާކަން ޒާހިދު ފާހަގަކުރެއްވި އެވެ.
”އިންތިހާބުގެ ދެވަނަ ބުރަށް ދާ ދާއިރާތަކުގެ އިންތިހާބު މި މަހު 18 ވާ ހޮނިހިރު ދުވަހު ބޭއްވިގެން ދާނެ. އެކަމަށްޓަކައި ވާން ޖެހޭ ތައްޔާރީތައްވުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެން ފަށައިފިން،“ ޒާހިދު ވިދާޅުވި އެވެ.
ޒާހިދު ވަނީ ވޯޓުލުމުގެ އެންމެހާ ކަންތައްތައް އެންމެ ފުރިހަމަ ގޮތުގައި އިންތިޒާމު ކުރުމަށް ޓަކައި، ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކުގެ އިތުރުން، ސިޔާސީ ޕާޓީތަކުންނާއި ޖަމިއްޔާ ޖަމާތްތަކުންނާއި އާންމު ރައްޔިތުން އެެ ކޮމިޝަނަށް ދީފައިވާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރުއަދާކުރައްވައިފަ އެވެ.



