ސާޅީހުން ނައްޓާލުމުގެ ކުރިން ދަރިން ހޯދަން ރައީސް ނަސީދު ގޮވާލައްވައިފި
ދެންމެ | 08 މެއި 2026

ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ޒުވާނުންނަށް މުހިންމު ނަސޭހަތެއް ދެއްވައިފިއެވެ. ”ދައުރު“ ނޫހުގެ ”އެއްބަސްވެ ދެބަސްވަމާ“ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އުމުރުން 40 އަހަރުވުމަށްފަހު ދަރިން ހޯދަން މަސައްކަތް ކުރުމަކީ މާބޮޑަށް ލަސްވެދާނެ ކަމެއް ކަމަށެވެ.

ޒުވާން އުމުރުގައި އާއިލީ ޒިންމާ ނެގުމަށް ބާރުއަޅުއްވަމުން ރައީސް ނަޝީދު ވަނީ 40 އަހަރުވުމުގެ ކުރިން ދަރިން ހޯދަން ނަސޭހަތްތެރިވެފައެވެ.

”އަޅުގަނޑު ދެންތޯ ނަސޭހަތެއް، ތިހެން އުޅުއްވާފަ ސާޅީހުން ނައްޓާލީމަ ހިތަށްއަރާނެ އޭ ކުއްޖެއް ބޭނުންވެއްޖޭ.. ދެން އެގަޑީގަ އޮންނާނީ ވަރަށް ލަސްވެފަ،“ ނަޝީދު ވިދާޅުވިއެވެ.

ދަރިން ބޮޑުކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ދަރިއަކު ބޮޑުކުރުމަކީ އާދައިގެ ކަމެއް ނޫން ނަމަވެސް، އެއީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އުފާވެރިކަމެވެ. އަދި ދަރިފުޅު ގޮވައިގެން އުޅޭ އުޅުމާއި، އެކުދިން ބޮޑެތިވެ، ކިޔަވައި ނިމުމުން މައިންބަފައިންނަށް ލިބޭ މިނިވަންކަމަކީ ވެސް ވަރަށް އަގުހުރި އެއްޗެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސް ނަޝީދުގެ މި ނަސޭހަތަކީ މައިގަނޑު ގޮތެއްގައި ޒުވާން ދުވަސްވަރު ކައިވެނިކޮށް، އާއިލާއެއް ބިނާކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ދެއްވި ނަސޭހަތެކެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ދަރިން ހޯދައި އާއިލީ ޒިންމާ އުފުލުމަށްވުރެ ވަކި ބޮޑު އުފަލެއް ދިރިއުޅުމަކު ނޯންނާނެއެވެ.

މި ޕޮޑްކާސްޓްގައި ރައީސް ނަޝީދު ވަނީ ދިރިއުޅުމުގެ އެކި މަރުހަލާތަކާ ގުޅޭގޮތުން އެމަނިކުފާނުގެ އަމިއްލަ ތަޖުރިބާގެ އަލީގައި ވާހަކަފުޅު ދައްކަވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!