އެމްޑީޕީގެ އެތެރޭގެ އިންތިޒާމުތައް ހަރުދަނާކޮށް، ޕާޓީގެ ހަމަޖެހުން ގާއިމްކުރުމަށް ފަހު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވާންޖެހޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މީކާއިލް މިހެން ވިދާޅުވީ ބޮނޑިބަތް ޕާކުގައި ބޭއްވި އޭނާގެ ”އިތުބާރު“ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މީކާއިލް ވިދާޅުވީ ޗެއަރޕާސަންގެ އިންތިޚާބުގެ ކެމްޕޭނަށް މިހާތަނަށް 34 ރަށަކަށް ދެވުނުއިރު، ކޮންމެ ރަށަކުން ވެސް އާންމު މެންބަރުން އެދެނީ ތެދުވެރި އަދި ބަހުގެ އިތުބާރު ހިފޭ ޗެއަރޕާސަނަކަށް ކަމަށެވެ. އަދި ޕާޓީގެ ކާމިޔާބީގައި ވެސް އަދި ނާކާމިޔާބީގައި ވެސް އެމްޑީޕީ ނޫން އެހެން ގޮތެއް އޭނާއަށް ނެތް ކަމަށާއި، އޭނާގެ މުޅި އުމުރު ހޭދަކުރީ އެ ޕާޓީގައި ކަމަށް މީކާއިލް ފާހަގަކުރެއްވި އެވެ. އޭނާ ޗެއަރޕާސަން ކަމަށް ކުރިމަތިލެއްވީ ޕާޓީގެ ތިލަފަތުގެ ހަމަހަމަކަން މެންބަރުންނަށް ހޯދައިދީ، އެމްޑީޕީއަކީ ބާރުވެރި ޕާޓީއަކަށް ހެދުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
އަޅުގަނޑު އެމް.ޑީ.ޕީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލައިގެން މިހިރީ މި ޕާޓީގެ ތިލަފަތުގެ ހަމަހަމަކަން މި ޕާޓީގެ މެންބަރުންނަށް ގެނެސްދޭން. ތިލަފަތުގެ ހަމަހަމަކަން މި ޕާޓީގެ އާއްމު މެންބަރުންނަށް ގެނެސްދޭން މި ޕާޓީއަކީ ބާރުވެރި ޕާޓީއަކަށް ހަދައިދޭން. އަޅުގަނޑު އެމް.ޑީ.ޕީގެ ޗެއަރޕާސަން ކަމަށް ނުކުމެ މިހިރީ ކުރިއަށް އޮތް ދެހާސް އަށާވީހުގެ ރިޔާސީ އިންތިޚާބު އަޅުގަނޑުމެންނަށް ކާމިޔާބުވާނީ އެ ރިޔާސީ އިންތިޚާބަށް ބާއްވާ ޕްރައިމަރީއަކީ މި ޕާޓީގެ އާއްމު މެންބަރުން ގަބޫލުކުރާ، މި ޕާޓީގެ އާއްމު މެންބަރުންނަށް އިންސާފުވެރިކަމާއި ހަމަހަމަކަން އޮތްކަން ގަބޫލުކުރެވޭ އެ ޕާސެޕްޝަން އޮތް ރިޔާސީ ޕްރައިމަރީއަކަށް ހަދައިދޭން. އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން. ތަކުރާރުކޮށް އަޅުގަނޑު ދަންނަވަން، ހަމަޔާއި އިންސާފު ގަބޫލުކުރައްވާ އެމް.ޑީ.ޕީގެ އާއްމު މެންބަރުން، އުސޫލެއްގައި ތިއްބަވާ އެމް.ޑީ.ޕީގެ އާއްމު މެންބަރުން ނިކަން ވިސްނަވައި، މީކީ ވަކި ބޭފުޅަކަށް ދަންނަވަންޖެހޭ ބަހެއް ނޫން. ރައްދުކުރާ ބަހެއް ނޫން. އެހެންނަމަވެސް، ހަމަ ބުއްދިން ވިސްނައިލާއިރު އަޅުގަނޑުމެންނަށް އިނގޭ މެޗެއްގެ ރެފްރީއަކަށް ވަކި ކޮޅެއް ނުނެންގެވޭނެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް
ޕާޓީގެ އެތެރޭގެ ކަންކަން ހުރިގޮތުގެ ސަބަބުން 2028 ގައި ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ލިބިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް މީކާއިލް ވިދާޅުވި އެވެ. އެހެންކަމުން، ޕާޓީގެ އެއްބައިވަންތަކަން ގެއްލުވައިނުލުމަށާއި، މެންބަރުން މަގުމަތިވިޔަ ނުދިނުމަށް އޭނާ ވަނީ އާދޭހާއެކު އެދިވަޑައިގެންފަ އެވެ. މީކާއިލް ވިދާޅުވީ ސަރުކާރު ވައްޓާލުމުގެ ކުރިން ޕާޓީގެ ސަފުތައް ބަދަހިކޮށް، އެތެރޭގެ އިންތިޒާމުތައް ރަނގަޅުކުރަންޖެހޭ ކަމަށެވެ. ސަރުކާރެއް ނިންމާލުމަކުން އެކަނި ގައުމަށް ނުވަތަ ޕާޓީއަށް ހަމަޖެހުމެއް ނާންނާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އެހެންވީމާ، އަޅުގަނޑު އާދޭސް ދަންނަވަ އެމް.ޑީ.ޕީގެ އާއްމު މެންބަރުންނަށް އަޅުގަނޑު އާދޭސް ދަންނަވަން، މި ފަހަރު ތި ބޭފުޅުން މަގުމަތިކުރިޔަނުދެއްވާތި. މި ފަހަރު ތި ބޭފުޅުން މަގުމަތިކޮށްލިޔަނުދެއްވާތީ. މި ފަހަރު ދެހާސް އަށާވީހަށް މި ޕާޓީގެ އެއްބައިވަންތަކަން ގެއްލުވައިލިޔަނުދެއްވާތީ. އަޅުގަނޑުމެން އެމް.ޑީ.ޕީއަށް މިހާތަނަށް އިންތިޚާބުތައް ކާމިޔާބުވެފައި އޮތީ މި ޕާޓީގެ ހުރިހާ ބޭފުޅުން، ހުރިހާ ބޭފުޅުން އެކުއެކީ މަސައްކަތްކުރައްވައިގެން އަޅުގަނޑުމެންނަށް އިންތިޚާބުތައް ކާމިޔާބުވެފައި އޮތީ، ސަރުކާރު ވައްޓާލަން ނުކުމެއްކަމަށްވުރެ އެއަށްވުރެ ކުރިއަށް މި ޕާޓީގެ އިންތިޒާމުތައް، މި ޕާޓީގެ އެތެރޭގެ ހަމަޖެހުން އަޅުގަނޑުމެން ގާއިމުކޮށްގެން. ރަނގަޅު؛ ދެހާސް އަށާވީސްގެ ކުރިއަށް އަޅުގަނޑުމެންނަށް ފަހަރުގައި މުޢިއްޒުގެ ސަރުކާރު ނިންމާލެވިދާނެ. އެކަމަކު ދެން ވަނީ ކީއްތޯ؟ އަޅުގަނޑުމެން ވިސްނާލަންޖެހޭ. ސަރުކާރެއް ނިންމާލުމަކުން އަދި ހަމަޖެހުމެއް މި ޤައުމަކަށް ނާދޭ، މި ޕާޓީއަށް ހަމަޖެހުން އޭގެ ކުރިއަށް އަޅުގަނޑުމެން ގެންނާންޖެހޭ. މި ޕާޓީގެ ސަފުތައް ބަދަހިކުރަންޖެހޭ. މި ޕާޓީ ތެރޭގައި އިންތިޒާމުތައް ރަނގަޅުކުރަންޖެހޭ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް
މީގެ އިތުރުން، އެމްޑީޕީއަށް 21 އަހަރު ފުރެންދާއިރު ޕާޓީގެ އަސާސީ ކަންކަން ފުރިހަމަވެފައި ނެތުމުން މީކާއިލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ކަންމަތީ ފިހާރައެއްގައި ވެސް ހުންނަ މިންވަރަށް ޕާޓީގެ ރެކޯޑްތަކާއި، އާކައިވް އަދި އިންވެންޓްރީ ބެލެހެއްޓޭނެ ނިޒާމެއް މިހާތަނަށް ގާއިމްވެފައި ނެތް ކަމަށެވެ. މީކާއިލް ވިދާޅުވީ އޭނާ ޗެއަރޕާސަން ކަމަށް ކުރިމަތިލެއްވީ ޕާޓީގައި ހުރި މިފަދަ އަސާސީ މައްސަލަތައް ހައްލުކޮށް، ޕާޓީގެ ހިންގުން ޒަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ކަމަށެވެ.



