ޓައިވާނަކީ ޗައިނާގެ ސަރަހައްދުގެ ވަކިނުކުރެވޭނެ ބައެއްކަމަށާއި ރާއްޖޭން ދަމަހައްޓާނީ ވަން ޗައިނާ ސިޔާސަތު ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
ވަން ޗައިނާ ސިޔާސަތަކީ ދިވެހިރާއްޖެއިން އެ ގައުމާއި ސިޔާސީ ގުޅުން ގާއިމުކުރުމަށް ފަހު އަބަދުވެސް ދަމަހައްޓާ ސިޔާސަތެކެވެ.
ފޮރިން މިނިސްޓްރީން މިއަދު އާއްމުކުރި ނޫސްބަޔާނުގައި ބުނީ ”ވަން ޗައިނާ ޕްރިންސިޕަލް“ އަށް ތާއީދުކުރާ ކަމަށާއި، އެގޮތުން ޓައިވާނަކީ ޗައިނާގެ ސިޔާދަތީ ބާރު ހިންގާ އެގައުމުގެ ބައެއްކަން ރާއްޖޭން ގަބޫލުކުރާ ކަމަށެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ އެކި ގޮންޖެހުންތަކުގެ މި ދަނޑިވަޅުގައި ވެސް، ރާއްޖޭގެ މި ނިންމުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފަ އެވެ.
ދިވެހިރާއްޖޭގެ ސަރުކާރުން ޗައިނާއެކު އޮތް ދިގުދެމިގެންވާ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފަ އެވެ. މި ބަޔާން ނިންމާލާފައިވަނީ، ސުލްހައާއި ހަމަޖެހުމާއި، ދެ ފަރާތަށް ފައިދާހުރި ގޮތެއްގައި މި ގުޅުން އިތުރަށް ބަދަހިކުރެވޭނެ ކަމަށް އުއްމީދުކުރާ ކަން ފާހަގަކުރަމުންނެވެ.
ޗައިނާގެ ސަރުކާރުން ދެކޭ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ސަރަހައްދެކެވެ. އަދި ބާރުގެ ބޭނުންކޮށްގެން ނަމަވެސް އެ ރަށް ހޯދާނެ ކަމުގެ އިންޒާރު ޗައިނާއިން ވަނީ ދީފަ އެވެ. ނަމަވެސް 2024 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޓައިވާނުގެ ރައީސް ލައި ޗިން-ޓޭ އަކީ، ފާއިތުވި އަހަރުތަކުގައި އެ ރަށުގެ ދިފާއީ ބާރު ވަރުގަދަކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވާ ލީޑަރެވެ.



