އީރާނާއެކު ވެވޭ އެއްބަސްވުމުގެ ބޮޑުބައި ނިމިއްޖެ: ޓްރަންޕް
ދެންމެ | 24 މެއި 2026

އެމެރިކާއާއި އީރާނާ ދެމެދު އޮތް ހަނގުރާމަވެރި ހާލަތު ނިމުމަކަށް ގެނައުމަށްޓަކައި ވެވޭ އެއްބަސްވުމުގެ ބޮޑުބައި ނިމިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ”ޓްރުތް ސޯޝަލް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާއާއި، އީރާނާއި އަދި އެހެނިހެން ގައުމުތަކުގެ މެދުގައި ވެވޭ މި އެއްބަސްވުމުގެ މަޝްވަރާތައް ގާތްގަނޑަކަށް ނިމި، މިހާރު އޮތީ ފައިނަލް ކުރުމުގެ މަރުހަލާގައި ކަމަށެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ސަރަހައްދީ ބައެއް ލީޑަރުންނާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މިގޮތުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވެސް ވާހަކަދެއްކެވި ކަމަށާއި، މި މަޝްވަރާތަކަކީ ވަރަށް ކާމިޔާބު މަޝްވަރާތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވި ގޮތުގައި، އެއްބަސްވުމުގެ ފަހުގެ ތަފްސީލުތައް މިހާރު ދިރާސާ ކުރަމުންދާ ކަމަށާއި، ވަރަށް އަވަހަށް އެކަން ރަސްމީކޮށް އިއުލާން ކުރައްވާނެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން، ބައިނަލްއަގުވާމީ ކަނޑުގެ ދަތުރުފަތުރުގައި މުހިންމު ދައުރެއް އަދާކުރާ ”ސްޓްރެއިޓް އޮފް ހޯރްމުޒް“ އަލުން ހުޅުވާލެވޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމުގެ މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ ޕާކިސްތާނުގެ އިސްލާމްއާބާދު މެދުވެރިކޮށެވެ. މި މަޝްވަރާތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ކަންބޮޑުވުންތަކަށާއި، އީރާނަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުގެ މައްޗަށެވެ.

މި އެއްބަސްވުމަކީ މެދުއިރުމަތީގެ މަސްރަހަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!