ވެރިކަން ނެތި، ކޮވިޑް ލޯނު މާފް ކުރީ ރައީސް އިބުރޭ: ބަގުރޫޓް ފައްޔާޒު
ދެންމެ | 13 އޭޕްރިލް 2024

ކޮވިޑް-19 އާ ގުޅިގެން ދޫކުރި ރިލީފް ލޯނުތަކުގެ އިންޓްރެސްޓް މާފުކޮށްދެއްވީ ރައީސް ޞާލިޙް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ބަގުރޫޓު ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ ކެމްޕޭނުގައި ލ. ފޮނަދޫއަށް ވަޑައިގެން ވިދާޅުވެފައިވަނީ ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އާއި އެސްޑީއެފްސީން ދޫކުރި ކޮވިޑް ލޯނުތަކަށް އެރި އިންޓްރެސްޓު މާފު ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ފައްޔާޒް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ދޫކުރި ރިލީފް ލޯނުތަކުގެ އިންޓްރެސްޓް މާފުކޮށްދެއްވީ ރައީސް ޞާލިޙް ކަމަށާއި އެކަމުގެ ރަސްމީ ސިޓީ 15 ނޮވެމްބަރުގައި ރައީސް އޮފީހުން ދަޢުލަތުގެ މާލީ ވުޒާރާއަށް ފޮނުވާފައިވާ ކަމަށެވެ.

އެ ސިޓީގައި ވަނީ ކޮވިޑް ރިލީފް ލޯންތަކުގެ އިންޓަރެސްޓަށްވާ 22 މިލިއަނަށްވުރެ ގިނަ ރުފިޔާ އެއީ ދައުލަތަށް އަނބުރާ ނުލިބޭނެ ފައިސާތަކެއްކަމަށް ކަނޑައެޅުމަށާއި ކުރިން ދައްކާފައިވާ 23 މިލިއަން ރުފިޔާ އެއީ ނެގި ލޯނުގެ އަދަދުކަމަށް ބަދަލުކޮށް ބާކީ ނުދެއްކި އޮތް ލޯނުގެ އަދަދު ބަހާލަދިނުމަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެހެންކަމުން އިތުރުފުޅު ނުހެއްދެވުމަށް ފައްޔާޒް ވަނީ ރައީސް މުޢިއްޒަށް ގޮވާލައްވާފައެވެ.

“ތެދުތެދަށް ދަންނަވަންޏާ 47 މިލިއަން ރުފިޔާ ކުދި ވިޔަފާރިތަކަށް އެ މާފްކޮށްދެއްވީ. އެހެންވީމަ އެކަމަށް ޝުކުރުވެރިވާންޖެހޭ. ނަމަވެސް މިސިޓީއަކީ 15 ނޮވެމްބަރ 2023 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އޭރުގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރަށް ފޮނުވާ މައާފްކޮށްދެއްވާފައިވާ އޮތް އެއްޗެއްގެ ވާހަކަ އަނެއްކާ މިދެއްކީ. ދެން ކީކޭތޯ ބުނާނީ.” ފައްޔާޒް ވިދާޅުވިއެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ސެޕްޓެމްބަރ 21 ވަނަ ދުވަހު ހުވަދޫ ޖަގަހައިގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ކޮވިޑުގައި އެސްޑީއެފްސީން ދޫކުރި ވިޔަފާރީގެ އެހީގެ ލޯނުތަކުގެ އިންޓްރަސްޓް ކަނޑާލާ، ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދެއްވާފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!