މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސްތިބި ދިވެހި ހާޖީންގެ ތެރެއިން އެންމެ ހާޖީއެއް ފިޔަވައި ހުރިހާ ހާޖީން ޢަރަފާތް ބިމަށް ވަދެފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް ވިދާޅުވި ގޮތުގައި، ޢަރަފާތް ބިމަށް މިވަގުތު ނުދެވި އޮތީ އެންމެ ހާޖީއެކެވެ. އެ ހާޖީ މިވަގުތު އޮތީ މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. ނަމަވެސް، ބަލިވެ އުޅޭ ހާޖީ ވެސް ޢަރަފާތް ބިމަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
”އެއް ހާޖީއަކު މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކުރެވި ފަރުވާއެއް ދެވެމުންދަނީ އިންޝާ ﷲ އެބޭފުޅާވެސް އަރަފާތަށް ގެންދެވޭނެ. ހައްޖު ކޯޕަރޭޝަންގެ އެހީތެރިން ދަނީ އެބޭފުޅާއެކު ހަރަކާތްތެރިވެ އެހީތެރިވަމުން. ހުރިހާކަމެއް ވެސް ރަނގަޅު. އަލްޙަމްދު ލި ﷲ.“ ވަޒީރު ވިދާޅުވެފައިވެއެވެ.
ދިވެހި ހާޖީންގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ހުރިހާ ހާޖީންގެ ހާލުވެސް އާންމު ގޮތެއްގައި ރަނގަޅު ކަމަށް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ މީހުންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމީރުލް ޙައްޖަކީ އިގްތިސޯދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދެވެ.
ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ ޢަރަފާތް ބިމުގައި މަޑުކުރުމަށް ހުރިހާ ހާޖީން މިހާރު ތައްޔާރުވަމުންދާއިރު، ހޮސްޕިޓަލުގައި އޮތް ހާޖީ ޢަރަފާތަށް ގެންދިއުމުގެ މަސައްކަތް ޙައްޖު ކޯޕަރޭޝަނުން ކުރަމުންދާކަން ވަޒީރު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.



