އިޓަލީގެ ޑައިވަރުންގެ އޮޓޮޕްސީގެ ވަގުތީ ނަތީޖާ ދައްކަނީ އޮކްސިޖަން ނުލިބުނީ ކަމަށް
ދެންމެ | 29 މެއި 2026

ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައަށް ފޭބި އިޓަލީގެ ޑައިވަރުން މަރުވީ ގެނބިގެން ނުވަތަ އޮކްސިޖަން ނުލިބިގެން ކަމަށް އެ މީހުންގެ އޮޓޮޕްސީގެ ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.

ވ. އަތޮޅުގައި ޑައިވް ކުރަނިކޮށް އިޓަލީގެ ފަސް ޑައިވަރުން ގެއްލުނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު އެ ދުވަހު ފެނިފައިވާއިރު ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑު ފެނުނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.

މި މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު، އެ މީހުން ޑައިވްކުރި ކަނޑު އަޑީގެ ހޮހަޅައިގެން ތެރެއިން ނެގީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އަދި ބާކީ ތިބި ދެ މީހުން ހަށިގަނޑު ނެގީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

ޑައިވަރުން މަރުވި ސަބަބެއްކަމަށް އިޓަލީގެ ބައެއް ނޫސްތަުން ރިޕޯޓްކޮށްފައިވަނީ ގެނބިގެން ނުވަތަ ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ނުލިބިގެން ނެވެ.

ފޮރެންސިކް ރިޕޯޓް ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި ހުށަހަޅާނެ ކަމަށް ބެލެވެ އެވެ.

ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި ކަނޑުމަތީގެ އެންމެ ހިތާމަވެރި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އިޓަލީގެ ބޯގޯމަނޭރޯގެ ޑައިވަރު ފެޑެރިކޯ ގުއަލްޓިއޭރީގެ އިތުރުން ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮމާކަލް އާއި އިޓަލީގެ ޓޫރިންގެ މިއުރިއަލް އޮޑެނީނޯ އަދި އިޓަލީގެ ޕަޑުއާގެ ޖިއަންލޫކާ ބެނެޑެޓީ ހިމެނެ އެވެ.

މީހުން ހޯދުމުގެ އޮޕަރޭޝަންގައި އުޅެނިކޮށް އެމްއެެންޑީއެފްގެ ކޯސްޓްގާޑުގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނިޔާވުމާ ގުޅިގެން އޮޕަރޭޝަން މެދުކަނޑާލި އެވެ.

މި ހާދިސާގެ ތަހުގީގު ރާއްޖެއާއި އިޓަލީގެ ސަރުކާރުން ކުރިއަށްގެންދާއިރު ޑައިވަރުން ބޭނުންކުރި ގޯ-ޕްރޯ ކެމެރާތަކުގެ ފްޓޭޖްތައް މިހާރު ދަނީ ދިރާސާ ކުރަމުން ނެވެ. މަރުވި މީހުންގެ ހަށިގަނޑުތައް އެ މީހުންގެ އާއިލާތަކާ މިހާރު ވަނީ ހަވާލު ކުރުމުގެ ހުއްދަ ދީފަ އެވެ.

މި މައްސަލަ ރޯމްއިން ތަހުގީގު ކުރަމުންދަނީ އިހުމާލު މަރެއްގެ ގޮތުގަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!