މެޓް އޮފީހުން މޫސުން ލަފާކޮށް ބުނީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 30 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެއެވެ. މިހާރު މިއީ ހުޅަނގު މޫސުމުގެ ހަތަރުވަނަ ނަކަތް ރޯނު ނަކަތެވެ. މި މޫސުމުގައި ގަދަވަޔާއެކު ވިއްސާރަކުރާނެއެވެ. މިއީ ދިވެހިންގެތެރޭގައި މަޝްހޫރު ޖޫންޖުލައިގެ ވިއްސާރަ ފެށޭ ނަކަތެވެ. ކަނޑުތައް ވަރަށް ގަދަވާނެއެވެ.
ޢާންމުކޮށް ވައިޖެހޭނީ ހުޅަނގުންނެވެ. މި ނަކަތުގައި އެވްރެޖްގޮތެއްގައި 4.7 އިންޗިއަށް ވާރޭ ވެހޭނެއެވެ.
ވައިޖެހޭނީ ގަޑިއަކު އެވްރެޖްކޮށް 24.08 ކިލޯމީޓަރުގެ ބާރުމިނުގައެވެ. އަވިދޭނީ އެވްރެޖްކޮށް 89.3 ގަޑިއިރުއެވެ. މި ނަކަތުގައި ވެސް މަސްވެރިކަން ދަށްވާނެއެވެ.



