އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ މައި މަރުކަޒު، މާލްބަރާ ހައުސްއަށް ކުރެއްވި ޒިޔާރަތުގައި، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކޯ ބޮޗްވޭއާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި ކޮމަންވެލްތާއެކު ރާއްޖެއިން ބާއްވާ ގާތް ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ރާއްޖެއިން މަސައްކަތް ކުރާނެކަމަށް އިރުތިޝާމް ވިދާޅުވި އެވެ.
އަދި ކޮމަންވެލްތާއެކު އޮންނަ ގާތް ގުޅުމަށާއި ކޮމަންވެލްތުގެ އަސާސްތައް ދެމެހެއްޓުމަށް ރާއްޖެއިން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ކަމަށްވެސް އިރުތިޝާމް ވިދާޅުވި އެވެ.
މީގެއިތުރުން ކޮމަންވެލްތުގައި މިހާރަށް ވުރެ ހިންގުންތެރި ދައުރެއް އަދާކުރުމަށް ރާއްޖެއިން އުއްމީދުކުރާ ކަމަށްވެސް ވިދާޅުވި އެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ ބޮޗްވޭ ސޯޝަލް މީޑިއާގައި ވިދާޅުވީ، ކޮމަންވެލްތުގެ އާއިލާގެ ތެރޭގައި ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުތަކަށް އިސްކަންދޭ ކަންކަމުގައި ރާއްޖެއިން އަދާކުރާ އިސް ދައުރާއި ގާތް ގުޅުން ބަލައިގަންނަ ކަމަށެވެ.
މީގެ އިތުރުން ސެކްރެޓަރީ ޖެނެރަލް ވަނީ، މާލްބަރާ ހައުސްއިން މިނިސްޓަރު އިރުތިޝާމް އާދަމަށް މަރުހަބާ ދެންނެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މި ބައްދަލުވުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ކޮމަންވެލްތާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.



