ފަހު ވަގުތު ޖަންގިޔާ އަމިއްލައަށް ބާލައިފި
ދެންމެ | 31 މެއި 2026

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވަކިކުރާ ޖަލްސާ މިއަދު ބާއްވަން ނިންމާފައި ވަނިކޮށް ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

 

ނާޒިމް އިސްތިއުފާ ދެއްވި ބަޔާން މިއަދު 8:36 ގައި ނެރުއްވާފައިވާއިރު އޭނާ ވަކިކުރުމުގެ ޖަލްސާ އެޖެންޑާ ކޮށްފައި އޮތީ މިއަދު 9:00 އަށެވެ. މަޖިލިސް ޗުއްޓީއަށް ނުގޮސް, ދައުރު ދަންމާލާފައި އޮތީ ވެސް މި މައްސަލައަށް ގޮތެއް ނިންމުމަށްޓަކައެވެ.

 

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ޕީއެންސީން ނިންމީ މި މަހުގެ 13ވަނަ ދުވަހު އެ ޕާޓީން ބޭއްވި ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއްގައެވެ.

 

އެއަށްފަހު، މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީގެ ހުރިހާ މެންބަރުން ސޮއިކޮށް މި މަހުގެ 14ގައި ވަނީ، ނާޒިމް ވަކިކުރަން މަޖިލީހަށް ގަރާރެއް ހުށަހަޅައިފައެވެ.

 

ގަރާރުގައި އެ ޕާޓީގެ މެންބަރުން ބުނެފައިވަނީ ނާޒިމް މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަތު ނަގާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެކަމަކު، ބޮޑު ތިން ތުހުމަތުކުރީ ކީއްވެ ކަމެއް އެ ގަރާރުގައި ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.

 

އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ނާޒިމް ނެރުއްވި ބަޔާނުގައި، އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ވަނީ ދޮގުކުރައްވާފައެވެ. ނާޒިމް ވިދާޅުވި ގޮތުގައި، އޭނާ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގައި ބަޔާންކޮށްފައިވާ ތުހުމަތުތައް ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ނެތެވެ. އަދި މަޖިލީހުގެ ގަވާއިދާ ޚިލާފުވެފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް މީގެ ކުރިން އެއްވެސް މެންބަރަކު ނުވަތަ މުއައްސަސާއަކުން އުފުލާފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

 

ނާޒިމް ވިދާޅުވީ، ނައިބު ރައީސްކަމުގެ މަގާމުގެ ވާޖިބުތަކާއި ޒިންމާތައް އަދާކުރައްވާފައިވާނީ ގާނޫނީ ހަމަތަކުގެ މަތިން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައި ކަމަށެވެ. އެއްވެސް މެންބަރެއްގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅުއްވާފައި ނުވާނެ ކަމަށާއި، ވަކި ސިޔާސީ ފިކުރަކަށް ތަބާވެ މެންބަރުންގެ މެދުގައި ތަފާތުކުރުމެއް ގެންގުޅުއްވާފައި ނުވާނެ ކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

 

އެހެންނަމަވެސް، ވެރިކަންކުރާ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ހުރިހާ މެންބަރުން ސޮއިކުރައްވައި އޭނާ މަގާމުން ވަކިކުރުމަށް ހުށަހަޅުއްވާފައިވާތީ، ޑިމޮކްރެޓިކް ހަމަތަކަށް އިހުތިރާމްކުރުމުގެ ގޮތުންނާއި، މެޖޯރިޓީގެ ނިންމުމަށް އިޖާބަދިނުމުގެ ގޮތުން މަގާމުން ދުރަށް ވަޑައިގަތުމަށް ނިންމެވީ ކަމަށް ނާޒިމް ވިދާޅުވިއެވެ.

 

ނާޒިމް ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވި ނަމަވެސް، ދިއްގަރު ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ. އަދި ދިވެހި ދައުލަތުގައި ގާނޫނުގެ ވެރިކަން ނަގަހައްޓައި، ރައްޔިތުންނަށް އުފާފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް ކުރައްވާ މަސައްކަތުގައި އަބަދުވެސް ދެމިހުންނަވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

 

ފާހަގަކޮށްލެވޭ ގޮތުގައި، ނާޒިމް މަގާމުން ވަކިކުރަން ޕީއެންސީން ނިންމާފައިވަނީ އޭނާއާއި ރައީސް ޑރ. މުޙައްމަދު މުއިއްޒާ ގުޅުން ގޯސްވެފައިވާ ކަމަށް ބެލެވޭ ދުވަސްވަރެއްގައެވެ. އެގޮތުން ޕީއެންސީގެ މަޖިލީސް މެންބަރުންނާ އެކު ރައީސް މުއިއްޒު ހައްދަވާފައިވާ ވަޓްސްއެޕް ގްރޫޕުން ވެސް މި މަހުގެ ތެރޭގައި ނާޒިމް ވަނީ ބޭރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!