އެމަނިކުފާނު އަމިއްލަފުޅަށް އެމްޑީޕީ ދޫކޮށް ވަޑައިނުގަންނަވާ ކަމަށާއި، ނަމަވެސް ޕާޓީން އެމަނިކުފާނު ”އެއްލާލީ“ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހއ. ކެލާއަށް ކުރެއްވި ކެމްޕޭން ދަތުރުފުޅެއްގައި ރައީސް ނަޝީދު ވިދާޅުވީ، ޕާޓީ އުފެއްދުމަށްޓަކައި ޒުވާން އުމުރުގެ ބޮޑުބައެއް ޖަލުގައި ހޭދަކުރެއްވިކަން ފާހަގަކުރައްވިކަމަށާއި، އަދި އެމަނިކުފާނުގެ ހަޔާތުގެ ދެބައިކުޅައެއްބައި ހޭދަކުރެއްވި ޕާޓީގެ ފިކުރާއި ވިސްނުން ދުވަހަކުވެސް ބަދަލުނުކުރެވޭނެ ކަމަށެވެ.
ޕާޓީ ކުރިއެރުވުމަށްޓަކައި 2005 އިން ފެށިގެން 2023 އާ ހަމައަށް ކުރެއްވި ބުރަ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން، ނަޝީދު ވިދާޅުވީ އެމްޑީޕީދެކެ އެމަނިކުފާނަށްވުރެ ބޮޑަށް ލޯބިވާނެ އެހެން މީހަކު ނުހުންނާނެ ކަމަށެވެ. އެގޮތުން ހަމައެކަނި ކެލާއަށްވެސް 27 ވަރަކަށް ފަހަރު ޒިޔާރަތް ކުރައްވާފައިވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޕާޓީގެ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކަކީ އެމަނިކުފާނުގެ ސަބަބުންވެސް ދިމާވި ކަންކަން ކަމަށް ގަބޫލުކުރައްވައި، އެކަމަށްޓަކައި ރައީސް ނަޝީދު ވަނީ މައާފަށް އެދިވަޑައިގަންނަވާފައެވެ. ނަމަވެސް، އެމަނިކުފާނުގެ ސިޔާސީ ފިކުރު ދުވަހަކުވެސް ބަދަލުނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ކެލާގެ ރައްޔިތުންނަށް އެމަނިކުފާނު އެރުވިއެވެ.



