ރަނގަޅަށް ވިސްނާށެވެ! ރުޅިއިސްކޮށްގެންނާ އަދި ޒުވާބުކޮށްގެން އެއްވެސް ކަމެއް ކާމިޔާބެއް ނުކުރެވޭނެއެވެ. ފަހަރެއްގައި އެވަޤުތު ކުރިއެރުމެއް ލިބުނުނަމަވެސް ފަހުން އެކަން ދެރައަކަށް ބަދަލުވާނެއެވެ. ލިބޭނެ ދެރަ މާބޮޑުވެސްވާނެއެވެ.
މީހުންގެ ކިބައިގައި ހުންނަ ނުބައި ސިފަތަކުގެ ތެރެއިންވެސް އެންމެ ނުބައި އެއް ސިފައަކީ މޫނުމަތީގައި ޒުވާބުކުރުމެވެ. ވީމާ ޖުމުލަކޮށް ބުނާނަމަ މޫނުމަތީގަ ޒުވާބުކުރާ ބައިވެރިއަކާއިއެކު ދިރިއުޅެން ބޭނުންވާ ހަމައެކަކުވެސް ނުހުންނާނެއެވެ. އަނެކާދެކެ ކިތަންމެ ބޮދަ ލޯބިވީނަމަވެސްމެއެވެ.
ފުރަތަމަ ބަލައިލަންވީ އެނުބައި ޢަމަލުކުރެވޭ ސަބަބަށެވެ. އެސަބަބަކީ ރުޅި ކޮންޓްރޯލް ނުކުރެވޭކަމެވެ. ފަސޭހައި ރުޅި އައުދެވޭކަމެވެ. ވީމާ އެނުބައި އާދަ އެމީހެއްގެ ކިބައިގައި ހުރިނަމަ ފުރަތަމަ ކަމަކަށްވެސް ރުޅި ކޮންޓްރޯލްކުރާށެވެ. ލޭގެ ޕްރެޝަރުވެސް ޗެކްކުރާށެވެ!
ޒުވާބުކުރެވޭ ގިނަ މީހުން އެޙާލަތުގައި ދުލުން ނުބައި ބަސްތައް ބުނެއެވެ. އަދި ތަކެއްޗަށާއި އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުން ފަދަ ކަންކަންވެސް ކުރެވެއެވެ. އެއީ ރުޅި ކޮންޓްރޯލްނުކުރެވޭތީއެވެ.
ޒަވާޖީ ޙަޔާތުގައި ދިރިއުޅެމުންދާއިރު މިފަދަ ހުރިހާ ކަމަކަށް ނޫނެކޭބުނަން ޖެހޭނެއެވެ. ނޫންނަމަ ހަށިގަނޑުގެ މައްޗަށް ޝައިޠޯނާ ވެރިވެގަނެ ކޮންމެފަދަ ނުބައިކަމެއްވެސް ކުރުވަފާނެއެވެ. ކިތަންމެ ބޮޑު ގެއްލުމެއްވެސް ދީފާނެއެވެ.
ރުޅިއަންނަންޖެހޭ ފަދަ ޙާލަތެއް ކުރިމަތިވިނަމަވެސް ޒުވާބުނުކުރާށެވެ! މަޑުމައިތިރިކަމާއިއެކު ރިވެތިބަހުން މުޢާމަލާތުކުރާށެވެ. މައްސަލަ ޙައްލުވެ ތިމާގެ ކޮޅަށް ނަޞްރުލިބުން އެއިރުން މާ ގާތްވާނެއެވެ! އިން ޝާ ﷲ
ދެން ކުރާނެ ސުވާލަކީ އެއީ ކީއްވެގެންތޯއެވެ؟ ސަބަބަކީ ﷲ ތަޢާލާ އަންގަވާފައިވަނީ ނުބައި ބަސްތައް ނުބުނުމަށެވެ. ޒުވާބުނުކުރުމަށެވެ. ތިމާހުރީ ޙައްޤުމަގުގައިކަމަސްވީނަމަވެސްމެއެވެ. ވީމާ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމުން ﷲ ތަޢާލާ ނަޞްރު ދެއްވަވަނީއެވެ. އިން ޝާ ﷲ



