މާލޭ ހުސްބިންތަކުގައި ދިވެހިބޭހުގެ ގަސްތައް އިންދަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ކައުންސިލުން މިގޮތަށް ނިންމީ އާ ކައުންސިލްގެ މިއަދު ގެ ޖަލްސާގައެވެ.
ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ފަތްޕިލާވެލި މާލެއިން ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ދިވެހި ބޭސްވެރިކަންކުރާކަމަށް ވިދާޅުވެ މާލޭގެ ހުސްބިންތަކުގައި ދިވެހިބޭހުގެ ގަސްތައް އިންދަން ކައުންސިލަށް ހުށައެޅުއްވީ މޭޔަރު އާދަމް އާޒިމްއެވެ. އޭނާ ހުށައެޅުވުމުގައިވަނީ މާލޭގެ ގަބުރުސްތާނުތަކުގައި ހުރި ހުސް ތަންތަނުގައި އެފަދަ ގަސްތައް އިންދާށެވެ. އެގޮތުން ގަބުރުސްތާނުގައި އެފަދަ ގަސްތައް އިންދުމުގައި ދީނީ ގޮތުން އެއްވެސް ހުރަހެއް އޮއްތޯ ސާފުކުރެއްވިކަމަށާއި އެފަދަ ހުރަހެއް ނެތްކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން ގަލޮޅު ސަހަރާގައި އެފަދަ ގަސްތައް އިންދަން ހުސް ޖާގަ އޮތްކަން ފާހަގަކުރައްވާ އެތަނުގައި އެފަދަ ގަސްތައް އިންދަން އާޒިމް ހުށައެޅުއްވިއެވެ.
އެެންނަމަވެސް ބައެއް ކައުންސިލަރުން ވަނީ ގަބުރުސްތާނުގައި އެފަދަ ގަސްތައް އިންދަން ދެކޮޅު ހަދާފައެވެ. އެ ކައުންސިލަރުން ބުނީ އެފަދަ ގަސްތައް އިންދަންވާނީ އެތަކެތި ރަނގަޅަށް ބެލެހެއްޓޭ ގޮތަށްކަމަށެވެ. އެހެން ނޫނީ އޭގެ ފައިދާ އެންމެނަށް ނުކުރާނެކަމަށް އެ ކައުންސިލަރުން ފާހަގަކުރިއެވެ.
އެހެންކަމުން ކައުންސިލަށް ބެލެހެއްޓޭގޮތަށް މާލޭގައި ހުރި ހުސް ބިންތަކުގައި ދިވެހިބޭހުގެ ގަސްތައް އިންދަން ކައުންސިލުން މިއަދު ވަނީ ފާސްކޮށްފައެވެ.



