ތިން ރައީސެއްގެ އިޝާރާތަކަށް ޕީއެންސީން ވަކިވާން ތައްޔާރަށް ތިއްބެވި މަޖިލިސް މެންބަރުން މިހާރުވެސް އެބަތިއްބެވި ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރޭ ވިދާޅުވެއްޖެއެވެ.
އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ވެރިކަން ކުރާ ޕީއެންސީގެ މެމްބަރުން މަޖިލީހުގައި މިހާރު ތިއްބެވި ހާލަތަށް ބަލާއިރު މަޖިލީސް އިސްލާހުކުރުމުގެ މަސައްކަތް ކުރެވޭތަން ނުފެންނަ ކަމަށެވެ. އަދި އެ މަސައްކަތް ކާމިޔާބުކުރެވޭނީ މަޖިލީހުގެ ތެރެއިން އެމްޑީޕީގެ ގިނަ މެމްބަރުންތަކަކަށް ފުރުސަތު ދީގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޖަލްސާގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ޞާލިޙް ވިދާޅުވީ، މަޖިލީހުގައި އޮތް ޕީއެންސީގެ ސުޕަ މެޖޯރެޓީގެ ރިމޯޓު ކޮންޓްރޯލް އޮތީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ގައުމަށް ބޭނުންވާ ކަންކަން ކުރުމުގެ ފުރުސަތު މަޖިލީހަށް މިހާރު ނެތް ކަމަށާއި، މަޖިލީހުގެ މިސްރާބު ބަދަލުކުރަން ޖެހެނީ މި ސަބަބަށްޓަކައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”އަޅުގަނޑަށް މީގެ ދެ ދުވަސް ކުރިން ގުޅި ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު. ތިބޭފުޅުން މަސައްކަތްތަކެއް ފައްޓަވާފީމެންނުންހޭ، ތި މަންނަމެން ޕާޓީ ދޫކޮށްފަ ނިކުތީމަ، ގޮނޑި ގެއްލުނީމަ އެ ގޮނޑި ހޯދައިދޭން އަޅުގަނޑުމެން ތިން މީހުން މިއަދު އެއްބަސްވިޔަސް ތިމަންނަމެން މިތިބީ މި ސަރުކާރު ޖަވާބުދާރީ ކުރަން ނިކުންނަން ތައްޔާރަށޭ،“ ޕީއެންސީގެ މެމްބަރަކާ ދެކެވުނު ވާހަކަ ހިއްސާކުރައްވަމުން ޞާލިޙް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ހާމަކުރެއްވި ގޮތުގައި، ތިން ރައީސުންގެ އިޝާރާތަކަށް ބަލައި، ޕީއެންސީ ދޫކޮށްލުމަށްފަހު ސަރުކާރު ޖަވާބުދާރީ ކުރުވަން ނިކުންނަން ތައްޔާރަށް ތިއްބެވި ސަރުކާރު ކޯލިޝަނުގެ މެމްބަރުން މިހާރުވެސް މަޖިލީހުގައި އެބަތިއްބެވިއެވެ.
މީގެ އިތުރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް މި ސަރުކާރުން ގެނެސްފައިވާ އިސްލާހަށް ފާޑުވިދާޅުވަމުން ޞާލިޙް ވިދާޅުވީ، އެއީ ވަރަށް ދެކޮޅުނުޖެހޭ ގޮތަށް ގެނެސްފައިވާ ބަދަލެއް ކަމަށާއި އެކަން ކޮންމެހެންވެސް ބަދަލުކުރަންޖެހޭ ކަމަށެވެ. މެމްބަރުންނަކީ ފަސް އަހަރު ދުވަހުގެ ދައުރެއްގައި ޕާޓީގެ ތެރޭގައި ތަޅުއެޅުވިފައި ތިބެންޖެހޭނެ ބައެއް ނޫން ކަމަށާއި، ޕާޓީ ދޫކޮށް ދިއުމުގެ މިނިވަންކަން އޮންނަންވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ، މިހާރު އެމްޑީޕީއަށް އޮތް ރައްޔިތުންގެ ތާއިދު އިތުރުވެ ”ތިލަފަތް ބަރުވަމުން“ އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ހޮނިހިރު ދުވަހުގެ އިންތިޚާބު އެމްޑީޕީގެ ކެނޑިޑޭޓް ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި، އެއާއެކު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ ކަމަށް ޞާލިޙް ވިދާޅުވިއެވެ.



