މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ސަރޔކާރުގެ މަސްކުންފުނި– މިފްކޯއަށް މަސްކިރުވި 20 ދޯންޏަކަށް ތިންލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.
މިފްކޯއިން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ބުރާސްފަތި ދުވަހު މަސް ކިރުވި 20 ދޯންޏަކަށް ޖުމްލަ 315،576 ރުުފިޔާ ދޫކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކަޅުބިލަމަސް ކިރުވި 17 ދޯންޏަކަށް ދޫކުރި 179،536 ރުފިޔާއާއި 10 ކިލޯއިން މަތީގެ ކަންނެލި ކިރުވި 13 ދޯންޏަކަށް ދޫކުރި 30،840 ރުފިޔާއެވެ. އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 13 ދޯންޏަކަށް ދޫކުރި 105،200 ރުފިޔާވެސް މީގެ ތެރޭގައި ހިމެނެއެވެ.
މިއަދުވެސް މިފްކޯގެ އަށް ބަނދަރަކުން ދަނީ މަސް ގަންނަމުންނެވެ. އެއީ ފެލިވަރު، ކޫއްޑޫ، އައްޑޫ، ގދ. ތިނަދޫ، އެއަތޮޅު ފަރެސްމާތޮޑާގެ ބަނދަރުގެ އިތުރުން ޏ. ފުވައްމުލަކާއި، ހުޅުމާލެ ބަނދަރާއި ހއ. އިހަވަންދޫ ބަނދަރުންނެވެ.
މަސް ގަންނަ އަގުތަކަށް ބަލާއިރު ކަޅުބިލަމަސް ކިލޯއެއް ގަންނަނީ 17 ރުފިޔާއަށެެވެ. 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބޮޑު ކަންނެލި ކިލޯއެއް 20 ރުފިޔާއަށް ގަންނައިރު 15 ރުފިޔާއިން މަތީގެ ބޮޑުކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާއަށެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މި ވައުދުފުޅާ އެއްގޮތަށް ސަރުކާރުން މިހާރު އަންނަނީ މަސްވެރިން، ބާނާ މަހަށް ފައިސާ ދެމުންނެވެ.



