އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ކުރީގައި އުޅެނީ އޭނާ ކަމަށާ ނަމަވެސް މިއަދު ކުރިއަށްދާ އިންތިހާބުގައި ފެންނަމުންދަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަކުން ދުވަހަކުވެސް ފެންނަން ބޭނުންވި މަންޒަރެއް ނޫން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް ނަސީމް ވިދާޅުވި އެވެ.
ވޯޓްލުމަށް ފަހު ނޫސްވެެރީންނާ ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ މިއަދު ފެންނަމުން ދަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ދުވަހަކުވެސް ދެކެން ބޭނުންވި މަންޒަރެއް ނޫން ކަމަށެވެ.
”އަޅުގަނޑުމެން ތަސައްވަރުކުރާ އެމްޑީޕީއެއް ނޫން,“ މީކާއީލް ވިދާޅުވި އެވެ.
އަދި ވިދާޅުވީ އިންތިހާބުގެ މިވަގުތާ ހަމައަށް ކުރީގައި އުޅެނީ އޭނާ ކަމަށް ހިސާބުތަކުން ދައްކާ ކަމަށެވެ.
”އަޅުގަނޑުމެންގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަދިވެސް އަޅުގަނޑުމެން ކުރީގައި މިވަނީ އިނގޭތޯ,“ މީކާއީލް ވިދާޅުވި އެވެ.
ވޯޓާއި ބީރައްޓެހި ކަންކަން ހިނގަމުންދާތީ އޭނާ ވަނީ ބަޔާނެއްވެސް ނެރުއްވާފަ އެެވެ.
މީކާއީލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި އިންތިހާބުން ނަޝީދު އުންމީދުކުރާ ނަތީޖާ ނުނެރެވޭނެ ކަމަށް ފެންނަ ރަށްރަށުގައި އޭނާގެ މަންދޫބުންނަށް ފާސްދިނުން ލަސްކޮށްފައިވާ ކަމަށެވެ. އަދި ފ. ފީއަލީގެ ވޯޓާސް ލިސްޓްގައި ހިމެނޭ އޭނާއަށް ތާއީދުކުރާ އެތައް ބައެއްގެ ނަން ލިސްޓުން އުނިކޮށް އެ ފޮއްޓާއި ހަވާލުވެހުރި މީހާ އަމިއްލަ ލިސްޓެއް ގެންގުޅެމުންދާ ކަމަށެވެ.
އަދި އެވަރުންވެސް ފަރުނުޖެހިގެން މިއަދު 4:30 ހާއިރު ފޮށި ބެހެއްޓިފައިވާ ތަނުން ވޯޓްފޮށި ނަގައިގެން ގެންގޮސް އެ އޮފިޝަލްގެ ގޭގައި އެ ފަރާތުން ބޭނުންގޮތަކަށް ވޯޓްގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން ގދ. ފިޔޯރީ ވޯޓްފޮށި ފަޅާލާއި އެކަން ރަނގަޅުނުކޮށް ވޯޓްގެ ސައްހަކަން ގެއްލޭ ގޮތަކަށް ވޯޓްގެ ކަންކަން ކުރިއަށް ގެންދިއުމާއި މީކާއީލްގެ މަންދޫބުންނަށް ފުރުސަތު ނުދީ ވޯޓްގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މިއީ އިންތިހާބުގެ ނަތީޖާއަށް އަސަރުކުރނެ އަދި އިންތިހާބުގެ ސައްހަކަން ކަށަވަރު ކުރުމަށް ހުރަހަކަށް ވެދާނެ ކަންކަމަށްވާތީ އިންތިހާބުގެ ކަންކަން ވީހާވެސް އޮމާންކޮށް ހާމަކަން ބޮޑުކޮށް ގެންދިއުމަށް މީކާއީލް ވަނީ ގޮވާލައްވާފަ އެވެ.



