ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ)ގެ ވަގުތީ ޗެއަރޕާސަން ކަމުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށް ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕާޓީގެ ވަގުތީ ޗެއަރ ޕަރސަންގެ ގޮތުގައި ވޭތުވެދިޔަ 6 މަސްދުވަހު އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަން ގަޕޯ އެޕާޓީ އަށް ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ.
ގަޕޯގެ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައި ޝާހިދު ވިދާޅުވީ، ދިމާވި ހައްސާސް ދަނޑިވަޅެއްގައި ޕާޓީގެ ކަންކަމާއި ހަވާލުވެވަޑައިގެން، ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ހޯއްދެވި ކާމިޔާބީގައި ޣަފޫރު މުހިއްމު ދައުރެއް އަދާ ކުރެއްވި ކަމަށް ޝާހިދު ވިދާޅުވި އެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ، ޕާލަމެންޓްރީ ގްރޫޕްގެ މަސައްކަތުގެ ތެރެއިންނާ އެހެނިހެން ގޮތްގޮތުން ވެސް ޣަފޫރުގެ ޚިދުމަތް އަދިވެސް ޕާޓީއަށް ލިބެމުންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން އިސްތިއުފާ ދެއްވުމުން 8 ޑިސެންބަރު 2025 ގައި ރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖްލިސް ޖަލްސާގައި އިލްހާމް އަހުމަދު ޕާޓީގެ ވަގުތީ ޗެއަރޕާސަން ކަމުގެ މަގާމަށް ޣަފޫރު ގެ ނަން ހުށަހެޅި އެވެ. އަދި ވަގުތީ ޗެއަރޕާސަން ކަމަށް ޣަފޫރު ހޮވުނީ ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓާއެކު އެވެ.
ޣަފޫރު އަކީ އަކީ އެމްޑީޕީ ޕީޖީ ގްރޫޕުގެ އެންމެ ގިނަ ދުވަސްވީ މެމްބަރެވެ. އޭނާ އަކީ މަޖިލީހުގައި ވެސް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ މެންބަރެކެވެ.



