މެސީގެ ހެޓްރިކާއެކު ރޮނާލްޑޯގެ ސަޕޯޓަރުން ކޮސްވެ އަންތަރީސްވެ ހަފުސް ވެއްޖެ
ދެންމެ | 17 ޖޫން 2026

ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީގެ ތަފާތު މޮޅު ކުޅުމާއެކު، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އާޖެންޓީނާއިން އަލްޖީރިއާގެ މައްޗަށް 3-0 ގެ ފުރިހަމަ ކާމިޔާބީއެއް ހޯދައިފިއެވެ. އެރޯހެޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އާޖެންޓީނާގެ ތިން ލަނޑުވެސް ކާމިޔާބުކޮށްދީ، މެސީ ވަނީ ތާރީޚީ ހެޓްރިކެއް ހަދާފައެވެ.

 

އުމުރުން 38 އަހަރުގެ ކެޕްޓަން މެސީ މި މެޗަށް ނުކުތީ ރެކޯޑް ހަވަނަ ވޯލްޑް ކަޕެއްގައި ބައިވެރިވެ، އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅޭ 200 ވަނަ މެޗުގެ ޝަރަފާއެކުގައެވެ. މި ހެޓްރިކާއެކު އޭނާ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި މިރޮސްލާވް ކްލޯސާގެ ރެކޯޑާ (16 ލަނޑު) އަރާ ހަމަކޮށްފައެވެ.

 

މެޗުގެ 17 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މެސީ ވަނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން މެޗުގެ ދެވަނަ ހާފުގައި، 60 ވަނަ މިނެޓުގައި އެލެކްސިސް މެކް އެލިސްޓަރ ފޮނުވާލި ހަމަލާއެއް އަލްޖީރިއާގެ ކީޕަރު ލޫކާ ޒިދާން އަތުގައި ޖެހިފައި ނުކުތް ވަގުތު މެސީ ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. އަދި މެޗުގެ 76 ވަނަ މިނެޓުގައި އޭނާ ވަނީ ތާރީޚީ ހެޓްރިކް ފުރިހަމަކޮށްފައެވެ.

 

މި ކާމިޔާބީއާއެކު މެސީ ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ ފިޔަވައި، ތަފާތު ފަސް ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ދެވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މީގެ އިތުރުން އޭނާ އަކީ އާޖެންޓީނާގެ ތާރީޚުގައި ވޯލްޑް ކަޕެއްގައި ލަނޑު ޖެހި އެންމެ ދޮށީ ކުޅުންތެރިޔާގެ އިތުރުން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑްވެސް އޮތް ކުޅުންތެރިޔާއެވެ.

 

މެޗުގައި އާޖެންޓީނާގެ މެދުތެރެއިން މެކް އެލިސްޓަރާއި ރޮޑްރިގޯ ޑި ޕޯލް މޮޅު ކުޅުމެއް ދެއްކިއިރު، އޮޓަމެންޑީ އިސްވެ ހުރެ ކުރި ދިފާއީ މަސައްކަތުން އަލްޖީރިއާއަށް މާ ބޮޑު ފުރުސަތުތަކެއް ނުލިބުނެވެ. މި މޮޅާއެކު އާޖެންޓީނާ މިހާރު އޮތީ ގްރޫޕް ޖޭގެ އެއްވަނައިގައެވެ.

 

2022 ވަނަ އަހަރު ގަތަރުގައި އާޖެންޓީނާއަށް ތަށި ހޯދައިދިން މެސީ، މި މުބާރާތުގެ ފުރަތަމަ މެޗުން ދެއްކި މި ކުޅުމުން އޭނާގެ ފިޓްނަސްއާ މެދު ސުވާލު އުފެއްދި ފަރާތްތަކަށް ވަނީ ވަރުގަދަ ޖަވާބެއް ދީފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!