ރާއްޖެ ދަރުވާލައި މިހާލަތަށް ވައްޓާލީ ކޮންބައެއްތޯ ބެލުމަކީ މިވަގުތު މުހިންމުކަމެއް ނޫން: ނަޝީދު
ދެންމެ | 18 ޖޫން 2026

ދިވެހިރާއްޖެ ދަރަނިވެރިކުރުވީ ކޮން ވެރިކަމެއްގައި، ކޮން ބައެއްތޯ ބެލުމަކީ މިވަގުތު މުހިންމު ކަމެއް ނޫން ކަމަށާ، މުހިންމީ އެކަމަށް ހައްލެއް ހޯދުން ކަމަށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

’ސަންގު ޓީވީގެ‘ ’ޚަބަރަށްފަހު‘ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ޑޮލަރެއްގެ އަގު މިހާރު ވަނީ 21 ރުފިޔާއަށް އަރާފައި ކަމަށާ، އެ ދަށްކުރެވެންވެސް ސަރުކާރަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.

ދިވެހި ދައުލަތަށް އެބަލިބޭ ޑޮލަރު. އާމްދަނީ އެބަލިބޭ. އެހެންނަމަވެސް ޚަރަދުކުރަން ހުރި ޚަރަދު ވަރަށް ބޮޑު. އޭގެ ތެރޭގައި ދަރަނި އަނބުރާ ދައްކަން ކުރަންޖެހޭ ޚަރަދު އެއީ އެންމެ ބޮޑު އެއް ޚަރަދު… ދަރަނީގެ މައްސަލައަކީ ސަރުކާރުން އަޅުގަނޑުމެންނާއެކީގައި އިށީންދެ އިނދެގެން ވާހަކަދައްކައިގެން ހައްލެއް ހޯދަންޖެހޭނެ މައްސަލައެއް. އެހެން ނޫންނަމަ ގައުމު ވަރަށް ހިތާމަވެރި ޙާލަތަކަށް ގޮސްދާނެ

ކުރީގެ ރައީސް ނަސީދު

 

ރައީސް ނަޝީދު މި މޭރުމުން ވާހަކަދެއްކެވިއިރު، ރާއްޖޭގެ ދަރަނި އެންމެ ބޮޑުވެގެން ދިޔައީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައެވެ. އެ ވެރިކަން ނިމިގެން ދިޔައިރު ދަރަނި 100 ބިލިއަނަށްވުރެ ވަނީ މަތިވެފައެވެ. އެކަން އެމަނިކުފާނުވެސް ނިމިދިޔަ ސަރުކާރުގެ ފަހުކޮޅުގައި ގަދައަށް ދެއްކެވިއެވެ. އަދި އަދުގެ ސަރުކާރުންވެސް އެކަން ފާހަގަކުރެއެވެ.

އެކަމާއި ގުޅިގެން ވާހަކަދައްކަވަމުން ނަޝީދު ރޭ ވިދާޅުވީ ރާއްޖެ ދަރަނިވެރި ކުރުވީ ކޮންބައެއްތޯ ބެލުމަކީ މިހާރު މުހިންމު ކަމެއް ނޫން ކަމަށެވެ.

އިރެލެވެންޓޭ ކާކުކަން އެކަން (ދަރަނިވެރި) ކުރީ މިވަގުތު. ކޮންމެ މީހަކު އެކަން ކުރި ނަމަވެސް އެކަން އެއޮތީ ވެފައި. ދިވެހި ރާއްޖެ މިއޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފައި. އެކަމަކަށް އިންކާރެއް ނުކުރެވޭނެ. އަޅުގަނޑެއް ނުދަން އެ ބަހުސަކަށް. ކާކުތޯ އެކަން ކުރީ. އަޅުގަނޑުގެ ވާހަކައަކީ މިއޮތީ އެކަން ވެފައޭ…ކިތަންމެ ވަރަކަށް ފަހަތަށް އެނބުރި އެއީ އެވެނިބައެއް ކުރި ކަމެކޭ، މިވެނި ބައެއް ކުރިކަމެކޭ ކިތަންމެ ބާރަށް ކިޔަސް މިކަން މިއޮތީ ވެފައި

ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ، ދަރަނިވެރިކުރުވި މީހުންގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ދެން ކުރަނޖެހޭ ކަމަކީ އެކަމުގެ ހައްލު ހޯދައި، ރާއްޖޭގެ ރައްޔިތުންނަށް އިގްތިޞާދީ ގޮތުން ރަނގަޅު މުސްތަގުބަލެއް ހޯދުމުގެ މަސައްކަތް ކުރުން ކަމަށެވެ.

އެމްޑީޕީއަށް ހައްލު ހޯދޭނެ. އަޅުގަނޑުގެ ހިތުގައި އެކަމަށް އެއްވެސް ޝައްކެއް ނެތް. އަޅުގަނޑުމެންނަށް ހައްލު ހޯދޭނެ. އަޅުގަނޑަށްވެސް އެނގޭ ހައްލު

ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު

 

ރާއްޖޭގެ ދަރަނީގެ ތަފާސްހިބާތުތަކަށް ބަލާއިރު، ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ 30 އަހަރުގެ ވެރިކަން ނިމިގެންދިޔައިރު 5.7 ބިލިއަން ރުފިޔާގެ ދަރަނި އޮތެވެ. އެފަހުން އައި ނަޝީދުގެ ގާތްގަނޑަކަށް ތިން އަހަރުވީ ވެރިކަމުގައި 17.3 ބިލިއަން ރުފިޔާގެ ދަރަނި އުފައްދައި ޖުމްލަ ދަރަނި 23 ބިލިއަނަށް އެރިއެވެ. ދެން އައި ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަން ނިމުނު އިރު ޖުމްލަ ދަރަނި އޮތީ 45 ބިލިއަނުގައެވެ. އެއީ އެވެރިކަމުން އުފެއްދި 22.1 ބިލިއަނާއި ވާރުތަވީ ދަރަންޏާއެކުއެވެ. އެއަށްފަހު ރާއްޖޭގެ ދަރަނި އެންމެ ބޮޑަށް މަތިވެ، ޖުމްލަ ދަރަނި 126 ބިލިއަނަށް އެރީ ނިމިދިޔަ ރައީސް ޞާލިޙްގެ ވެރިކަމުގައެވެ. އެ ވެރިކަމުގައި އެކަނިވެސް 60 ބިލިއަން ރުފިޔާގެ ދަރަނި އުފެއްދިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!