މަޖިލީސްގެ ރައީސް އެ ވިދާޅުވީ ތެދެކެވެ. ހުރިހާ ކަމެއްގެވެސް ކޮންޓްރޯލް ވަނީ ދޫކޮށްލެވިފައެވެ.
ގައުމުގެ ކޮންމެ ދިމާލަކަށް ބަލާލި ނަމަވެސް ފެންނަނީ ކޮންޓްރޯލް ގެއްލި ހަމައިން ނައްޓާފައިވާ މަންޒަރެވެ.
އިންސާނީ ދިރިއުޅުމުގައި މުޅި ހަޔާތަށް އެންމެ މުހިންމު ސިއްހަތާ ބެހޭ ދާއިރާގެވެސް ވަނީ ކޮންޓްރޯލް ދޫކޮށްލާފައެވެ. ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގައި ފަންނީ މުވައްޒިފުންނަށްވުރެ ގިނައީ ސިޔާސީ މުވައްޒަފުންނެވެ. އެފަދަ މުވައްޒަފުންގެވެސް އަމިއްލަ ކޮންޓްރޯލެއްނެތެވެ. އެއް ފޯނު ކޯލުން، އަނެއް ކޮފީ މޭޒުން ކުރާނެ މަސައްކަތެއްނެތިގެން ލާހޫރެނީއެވެ. އެއީ ފަނެއް ނެތް ބަޔަކަށް ފަންނީ ތަނެއްގެ މަސައްކަތް ހަވާކުރުމުން ކަންވާނެގޮތެވެ. ގޯތިގެދޮރުގައި ފުޅި ބައްތި އަލީގައި ފޫޅުމައިން ކުރި މަސައްކަތްވެސް ކުރުމުގެ ގާބިލުކަން ހުރި މީހަކުވެސް މިއަދަކުނެތެވެ. 1000 ރުފިޔާއަށް ކުރި ފަރުވާ އެއްލަކައިން އަރައިގެން ދިޔައިރު، ފަރުވާ ދެވޭ މިންވަރު ދިޔައީ އަގު އަރައިގެން ދިޔަފަދައިން ދަށްވެގެންނެވެ. ބޮޑު ގޮޑީގައި އިންނަ ޕީއެޗްޑީ ނެގި ބޭރުގެ މޮޅު ޑޮކްޓަރަށް ބަލި ޑައިގްނޯޒެއް ނުކުރެވެއެވެ. ވީ ކީއްކަމެއް، ވާންވީ ކިހިނެއްކަމެއްވެސް ނޭގެއެވެ. ބޭސް ފަރުވާ ލިޔަނީ އިންޓަނެޓުން ހޯދައިގެންނެވެ.
އާސަންދަ ކިއު ދިގުވެ ލަންކާ އިންޑިއާ ފަހަނައަޅާގޮސްފި އެވެ. ގައުމުގެ އާސަންދަ ބަޖެޓު އަހަރުގެ މެދަށް ނުދަނީސް ހުސްވެއެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ ތެދެކެވެ. ހަމަ ކޮންޓްރޯލެއް ނެތި ދޫކޮށްލެވިފައެވެ. ކޮންޓްރޯލުކުރުމަށް މަސައްކަތް ކުރާނެ މީހަކުވެސް ނެތެވެ. އެމަނިކުފާނަށް އަތޮޅުތެރޭގެ ރައްޔިތުން މާލެ އައިސް އުޅޭ މިހާލު ސިފަވީ ބަޔަކު މުނިފޫހިފިލުމުގެ ގޮތުގައެވެ.
ގޮތް ހުސްވެ ކޮންޓްރޯލް ނުގެއްލެނީ ކޮން ކަމެއްގެ ހެއްޔެވެ؟
ދިވެހިގެ ލޭ ނާރުކަމުގައި ކުޑަ އިރުންސުރެ އަޑު އެހި ނާރު ކޮންޓްރޯލު ނުކުރެވި މިއޮއް ކަނޑައިގެންދަނީއެވެ.
އާދެ މަސްވެރިކަމުގެ ސިނާއަތެވެ. މަހަށްފުރާ ދޯނިތަކުގެ އަދަދު 5 އިންސައްތައަށްވުރެ ދަށްވެއްޖެއެވެ. ކީއްވެގެންތޯއެވެ؟
ކަނޑު ހުސްކޮށް ދޯނި ފުރާ ބާނާ މަހުންވީ ފައިދާއެއްނެތުނީމައެވެ. އައިސް ނުލިބުނުތާ ޑީސަލުކޮޅުވެސް ގަންނަން ނުލިބި، ބާނާ މަސްކޮޅު ނުކުރި، ކިރި މަސްކޮޅަށް އަގުނުލިބި ހަފްތާ ދެ ހަފްތާ ދޯނި އަޅަން ޖެހެނީ ބަނދަރުގައެވެ. ދިވެހި މަސް ކަނޑުތަކުގައި ދިވެހިން ނެތި ފަޅުވަނީނޫންހެއްޔެވެ؟ ވީ ފައިދާއެއް ނެތްތާގައި އިވޭ އަޑަކީ، ދިވެހި މަސް ކަނޑުތަކުން އެހެން ބައްރުތަކުގެ ބަޔަކު އައިސް ދާއަޅާ މަސްކޮޅު ބަހާލައިގެން ދާވާހަކައެވެ.
ހަމަ ހަގީގަތުގައިވެސް މަޖިލީހުގެ ރައީސް ވިދާޅުވިފަދައިން ކޮންޓްރޯލް ވަނީ ހިފެހެއްޓުމެއްވެތި ދޫކޮށްލެވިފައެވެ.
ދެން އޮތީ މި ހުރިހާކަމެއް ގުޅިފައިވާ ގައުމުގެ އިގްތިސާދެވެ. ހަރަދު ކުރަނީ ބަޖެޓުކުރެވިފައިވާ ކަންކަމަށްކަމުގައި ވިދާޅުވާއިރު، ދަރަނީގެ އަދަދު އުފުލިގެން ދިޔައީ ކޮންޓްރޯލެއްނެތިއެވެ. ކުރި ހަރަދުތަކާއި، ކުރަން ހުރި ހަރަދުތަކާއި އަދި ކުރަންޖެހިދާނެ ހަރަދުތަކުގެވެސް އެއްވެސް ކޮންޓްޓްރޯލެއްނެތެވެ.
އަގައަށް ހެޔޮވަރުކޮށްލާފައި ކޮންޓްރޯލު އެ ބަސް ބޭނުންކުރުމަކީ ސިޔާސީ ގޮތުން ހުތުރުކަމެއްކަމުގައި ވިދާޅުވީއިރު، މުޅި ކާއިނާތުގައި ފިތުރީ ގޮތުން ތަކުރާރުވޭވޭ ހުންނަ ހުރިހާ ނިޒާމެއްވެސް ހިނގަނީ ކޮންޓްރޯލެއްގެ ދަށުންކަން ކޮންޓްރޯލް އެބަސް ނޭގުނު ހާލު އިގޭނީ ކިހިނަކުން ހެއްޔެވެ؟ އަބަދުވެސް އަހާ ވާހަކައަކީ ކަމެއް ފެށުމުގެކުރިން މަންޒިލެއް އޮންނަންޖެހޭނެ ވާހަކައެވެ. ނުވަތަ އަމާޒަށް ވާޒިލުވާންޖެހޭނެކަމުގެ ވާހަކައެވެ. މިއީ ކޮންޓްރޯލްއާއި ސްޕީޑް އަދި ލެވެލް ހެޔޮވަރުނުކޮށް ވާނެ ކަންކަމެއްނޫނެވެ.
މުޅި ދައުލަތުގެ ތެރޭގައި ހިންގަނީ ސިޔާސީ ކަންތައްތަކެއްކަމުގައިވީއިރު، ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ވެރިޔާ ވިދާޅުވީ ސިޔާސީ ކަންކަމުގައި ކޮންޓްރޯލްކުރުން ބަލައިނުގަނެވޭނެކަމަށެވެ. އަދި އެއީ ކޮށް އުޅޭކަމެއްވެސް ނުމެނޫންކަމަށެވެ. ނުވިތާކަށް ކުރަން އިގޭކަމެއްވެސް ނޫންކަމަށެވެ. ނަމަވެސް އެމަނިކުފާނަށް ހަވާލުކުރެވިފައި އެވަނީ ކޮންޓްރޯލްއަކާއި ނުލައި، ލާ ހޫރެން ދޫކޮށްލައިގެން ހިންގޭނެވަރުގެ ބާރެއް ނޫނެވެ.
ގާނޫނު ހަދަން އެކުލަވާލާފައި އޮތް މަޖިލީހެއްގެ ރައީސްގެ ބާރެވެ. އިސްވެ އަޅުގަނޑު ފާހަގަކުރި ކޮންޓްރޯލް ގެއްލިފައި ހުރި ހުރިހާކަމެއްގެ ހައްލުކަމަށް ގައުމުގެ މެޖޯރިޓީ ރައްޔިތުން ގަބޫލުކުރާ ގާނޫނު، އެ ހެދުމުގެ ބާރެވެ. އެހެންކަމުން އެމަނިކުފާނަށް އެފަދަ ބާރެއް ދިނުން އައުލާތޯވެސް ސުވާލުއުފެދެއެވެ.
ކޮންޓްރޯލާއިނުލައި، ކޮންޓްރޯލްނުކޮށް ފަރުމާ ކުރެވިފައިވާ ސަރުކާރަކުން ދައުލަތެއް ހިންގިއަސް، އެ ދައުލަތެއްގައި އެއްވެސް ހަމައެއްލަމައެއް ނޯންނާނެއެވެ. އޮޅޭނީ ތަރުތީބެވެ.
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުގެ ހާލަތު ފެނި ހަމަ ހަދާނަށް އަންނަނީ މަޖިލީހުގެ ރައީސް އެ ވިދާޅުވި ބަސްފުޅެވެ.