ރާއްޖެއިން ހާމަނާއީ ޖަނާޒާގައި ބައިވެރިވި ބޭފުޅަކު ހޯދަން އާރުޓީއެލް ހުށަހަޅަން އަންގައިފި
ދެންމެ | 08 ޖުލައި 2026

އަވަހާރަކޮށްލާފައިވާ އީރާނުގެ ކުރީގެ އެންމެ މަތީވެރިޔާ އާޔަތުﷲ ޚާމަނާއީގެ ޖަނާޒާގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވި އޮފިޝަލުގެ މައުލޫމާތު ހޯދުމަށް ރާއްޖެއެމްވީން ކުރި މަސައްކަތް މިއަދުވެސް ނާކާމިޔާބުވެއްޖެ އެވެ.

 

ޚާމަނާއީގެ ޖަނާޒާގައި ގަލްފް ސަރަޙައްދުގެ އެމްބަސީއެއްގައި ހުންނެވި ސަފީރަކު ބައިވެރިވެވަޑައިގެންނެވި ކަމަށް ބުނުން ފިޔަވައި އިތުރު މައުލޫމާތެއް ހާމަ ކުރުމަށް ސަރުކާރުން ފަސްޖެހެމުންދާއިރު، ޚާމަނާއީގެ ޖަނާޒާގެ ދައުވަތު ޤަބޫލުކޮށް، އެ ޖަނާޒާގައި ރާއްޖެއިން ބައިވެރިނުވާކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.

 

އެހެންވެ އެކަމުގެ ހަގީގަތް ހޯދާލުމަށް ރާއްޖެއެމްވީން ތަކުރާރުކޮށް ޚާރިޖީ ވުޒާރާއަށް ގުޅި ނަމަވެސް، މިއަދާ ހަމައަށްވެސް އެ ވުޒާރާއިން ސާފު ޖަވާބެއް ދީފައެއް ނުވެ އެވެ. ބުދަ ދުވަހުވެސް ރާއްޖެޓީވީގެ ”ފަށާއިރު“ ޕްރޮގްރާމްގައި އެ ވުޒާރާއަށް ގުޅާފައިވާއިރު، ވުޒާރާއިން ވާހަކަ ދެއްކި އިންފޮމޭޝަން އޮފިސަރު ވަނީ އެ މައުލޫމާތު ހޯދުމަށް އާރްޓީއައި ހުށަހެޅުމަށް ބުނެފަ އެވެ.

 

އަވަހާރަކޮށްލެވުނު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާއަށް 100 އަށް ވުރެ ގިނަ ގައުމުގެ މަންދޫބުންނާއި 20 މިލިއަނެއްހާ އާއްމުން ތެހެރާނަށް ޖަމާވެފައިވާއިރު، އެކި ޤައުމުތަކުން ޖަނާޒާގައި ބައިވެރިވި ރަސްމީ އޮފިޝަލުންގެ މައުލޫމާތުތައް ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް ރާއްޖެއިން އެ މައުލޫމާތު ސިއްރު ކުރުމަށް މަސައްކަތް ކުރަމުންދާތީ ހަގީގަތުގައިވެސް ރާއްޖެއިން ޖަނާޒާގައި ބައިވެރިވިތޯ މިވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފަ އެވެ.

 

އީރާނުގެ އެންމެ މަތީވެރިޔާ އަވަހާރަ ވުމާ ގުޅިގެން، އިސްލާމީ ގައުމެއްގެ ވެރިޔަކު އަވަހާރަވުމުން ރާއްޖޭގައި ޒަމާނުއްސުރެ އަމަލު ކުރަމުން އަންނަ އުސޫލަށް ވެސް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އަމަލު ކޮށްފަ އެއް ނުވެ އެވެ. އެންމެ ކުޑަމިނުން އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާވެސް ކިޔާފަ އެއް ނުވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!