ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން ހިފަހައްޓައިފި އެވެ.
އެ އިދާރާ އިން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.8 ކިލޯގެ ހަޝިޝް އޮއިލް އާއި 740 ގްރާމްގެ ކެނަބިސް މިދިޔަ މަހު 29 ގައި ހިފަހައްޓާފައިވާ ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް އެ ތަކެތީގެ މަގުމަތީ އަގު 2.7 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ރާއްޖެ އެތެރެކުރަން އުޅުނު ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އިއްޔެ ވެސް ވަނީ އަތުލައިގެންފަ އެވެ. އެއީ 3.5 ކިލޯގެ ސިންތެޓިކް ކެތިނޯން ކިޔާ ޑްރަގެކެވެ.
މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި ކަސްޓަމްސް އިން ވަނީ 324 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ.
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދުކޮށްގެން ރާއްޖެ އަށް ކަނޑުމަގުން 40 ކިލޯގެ ހަޝިޝް އޮއިލް އެތެރެކުރަން އުޅެނިކޮށް މިދިޔަ އަހަރު ފަހުކޮޅު ވެސް އަތުލައިގެންފައިވެ އެވެ. އެ މައްސަލައިގައި ދިވެހި ދެ ފިރިހެނަކު ހައްޔަރު ވެސް ކުރި އެވެ.



