އެމެރިކާއާއި އިސްރާއީލުން ގުޅިގެން ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާންގައި ހުންނަ ރިޔާސީ ގަނޑުވަރަށް ދިން ވައިގެ ހަމަލާއެއްގައި އަވަހާރަކޮށްލި އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ހަށިކޮޅު، އޭނާ އުފަންވެވަޑައިގަތް ރަށް ކަމަށްވާ މަޝްހަދުގައި ހުންނަ އިމާމް ރިޒާގެ މަގުބަރާގައި ފަސްދާނުލައިފި އެވެ.
އެ މަނިކުފާނު ފަސްދާނުލާފައި މިވަނީ އެމެރިކާ އާއި އިޒްރޭލުން ގުޅިގެން ދިން ވައިގެ ހަމަލާއެއްގައި އަވަހާރަކޮށްލިތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. އެ ހަމަލާއަކީ އެމެރިކާ އަދި އިޒްރޭލާއި އީރާނާ ދެމެދު ހަނގުރާމައިގެ ފެށުމެވެ.
ޝަހީދުވި ލީޑަރުގެ މައްޗަށް ކުރެވުނު އެންމެ ފަހުގެ ކަށުނަމާދު އިމާމްވެ ކުރެއްވީ އެމަނިކުފާނުގެ ދަރިކަލުން އާޔަތުﷲ ސައްޔިދު މުޞްތަފާ ޚާމަނާއީ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެމަނިކުފާނު ފަސްދާނުލެވިފައިވަނީ އިމާމް ރިޒާގެ ބަގުބަރާގެ ތެރޭގައިވާ ”ދާރުލް ޒިކުރު ރަވާގު“ގައެވެ.
އީރާންގައި 1989 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރައްވައި، އިދިކޮޅު ހަރަކާތްތައް ހުއްޓުވައި ހުޅަނގާ ދެކޮޅު ސިޔާސަތެއް ގެންގުޅުއްވި އުމުރުން 86 އަހަރުގެ ޚާމަނާއީގެ ހަށިކޮޅު މަޝްހަދަށް ގެންދިއުމުގެކުރިން އިރާގުގެ ނަޖަފާއި ކަރުބަލާގައި ވެސް ވަދާއީ ހަރަކާތްތަކެއް ބާއްވާފައި ވެއެވެ. އެގޮތުން ނަޖަފުގައި ހުންނަ އިމާމް އަލީގެ މަގުބަރާ ސަރަހައްދަށް ގާތްގަނޑަކަށް 3.8 މިލިއަން މީހުން އެއްވެ، ޚާމަނާއީއަށް އިހުތިރާމް އަދާކޮށްފައި ވެއެވެ. އަދި އޭގެ ފަހުން އީރާނުގެ ތެހެރާނާއި ގުމްގައި ބޭއްވުނު ވަދާއީ ހިނގާލުންތަކުގައި ވެސް އެތަައް މިލިއަން ބަޔަކު ބައިވެރިވި އެވެ.
އީރާންގެ އަވަހާރަކޮށްލި ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަޒާގައި މީހުން އޭނާގެ ސަންދޯއް އުފުލަނީ.
މި ފަސްދާނުލުމުގެ ކަންތައް ހިނގާދިޔައީ ސަރަހައްދީ ނުތަނަވަސްކަން އަލުން ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. އީރާނުން ބުނާ ގޮތުގައި އެމެރިކާގެ ހަމަލާތަކުގައި 17 މީހުން މަރުވެފައިވާއިރު، ތެހެރާނާއި މަޝްހަދު ގުޅުވައިދޭ ރޭލު ދަތުރުފަތުރުގެ ނިޒާމަށް ވެސް ވަނީ ހަމަލާދީފަ އެވެ.
ޚާމަނާއީ ފަސްތާނުލެއްވުމުގައި އީރާނުގެ ސަރަހައްދީ ބައިވެރިން ކަމަށްވާ ފަލަސްތީނުގެ ހަމާސް އާއި އިސްލާމިކް ޖިހާދު، ލުބުނާނުގެ ހިޒްބުﷲ، އަދި ޔަމަނުގެ ހޫތީންގެ މަންދޫބުން ބައިވެރިވި އެވެ. ޚާމަނާއީގެ އިތުރުން، ފެބްރުއަރީ މަހު ދިން ހަމަލާގައި އަވަހާރަވި އޭނާގެ އާއިލާގެ ހަތަރު މެންބަރެއްގެ ހަށިކޮޅުވެސް މި ޖަނާޒާގައި ވަޅުލާފައި ވެއެވެ.
ނަމަވެސް، ޚާމަނާއީގެ ދަރިކަލުން އަދި އޭނާގެ ބަދަލުގައި ސުޕްރީމް ލީޑަރުގެ މަގާމަށް ވަޑައިގެންނެވި މުޖްތަބާ ޚާމަނާއީ މި ޖަނާޒާގެ އެއްވެސް ހަރަކާތަކުން ފެނިފައެއް ނުވެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން، ފެބްރުއަރީ 28 ގެ ހަމަލާއަށްފަހު މުޖްތަބާ އާންމު ތަންތަނުން ފެނިފައެއް ނުވެ އެވެ. މިއާއެކު އީރާނުގެ އާންމުންގެ މެދުގައި ސަލާމަތީ ކަންކަމާމެދު ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.
އީރާން އެމެރިކާގެ އިބުތިދާއީ ސުލްހައިގެ އެއްބަސްވުން ނިމުމަކަށް އައިކަން އިއުލާނުކުރެއްވީ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ހަމަލާތަކަށްފަހު ނޫސްވެރިންގެ ބައްދަލުކުރައްވާ ޓްރަމްޕް ވަނީ އީރާނުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ޓްރަމްޕް ބުނީ އީރާނުގެ ވެރިންނަކީ ނުބައި، ދޮގުވެރި ބައެއް ކަމަށާއި، އެމީހުންނާ އެކު ދެން ވާހަކަދެއްކުމަކީ ވަގުތު ބޭކާރުކުރުމެއް ކަމަށެވެ.
އަދި ބުނީ އެމެރިކާ އީރާނާއެކު ސޮއިކުރި އެއްބަސްވުން ނިމުމަކަށް އައިސްފި ކަމަށާއި ސުލްހަވެރި ގޮތުގައި އީރާނާ މުއާމަލާތް ކުރުމަކީ ބޭކާރު ކަމެއް ކަމުގައެވެ.
އެމެރިކާގެ އެހެން އޮފިޝަލަކު ވިދާޅުވީ، އީރާނާއެކު ސުލްޙަވެރި ހައްލެއް ހޯދުމަށް ފަންނީ މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމުގަ އެވެ. މި ހަނގުރާމައިގެ ސަބަބުން އެމެރިކާގައި ތެލުގެ އަފުލުމާ ގުޅިގެން އާންމުންގެ ނުރުހުން އިތުރުވެގެން ދިޔުމާއެކު، ޓްރަމްޕަށް ވަނީ ބޮޑު ނުތަނަވަސްކަމަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާފަ އެވެ.



