އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ދާދި ފަހުން ކުރި ހަނގުރާމައިގެ ތެރޭގައި، އީރާނުން އަމިއްލައަށް އުފައްދާ ޑްރޯންގެ އަދަދު ތިންގުނަ އިތުރުކޮށްފައިވާ ކަމަށް އެ ގައުމުގެ އެކްޓިން ޑިފެންސް މިނިސްޓަރު ބްރިގޭޑިއަރ ޖެނެރަލް މަޖީދު އިބްނު އައްރިޒާ ވިދާޅުވެއްޖެއެވެ.
މެހެރް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މަޖީދު އިބްނު އައްރިޒާ މިކަން އާންމުކުރެއްވީ އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ނޭޝަނަލް ސެކިއުރިޓީ ކޮމިޝަނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި، ހަނގުރާމައިގެ އެންމެ ނުރައްކާތެރި ދަނޑިވަޅުގައިވެސް އީރާނުގެ ދިފާއީ އާލާތްތައް އުފެއްދުމުގެ މަސައްކަތް އެއްވެސް މެދުކެނޑުމެއް ނެތި ކުރިއަށްދިޔައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޑްރޯން އުފެއްދުމުގެ ގާބިލުކަން ތިންގުނައަށް އިތުރުވެގެންދިޔަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޖީދު އިބްނު އައްރިޒާ ވިދާޅުވީ، ފަހުގެ ހަމަލާތަކުން ސާބިތުކޮށްދިނީ އީރާނުގެ ދިފާއީ ބާރުގެ އެންމެ މުހިންމު އަސާސަކީ އެ ގައުމުގެ ތަޖުރިބާކާރުންނާއި ޒަމާނީ ޓެކްނޮލޮޖީއަށް ކުރާ އިންވެސްޓްމަންޓްތައް ކަމަށެވެ. އީރާނުގެ ދިފާއީ، މިސައިލް އަދި ޑްރޯންގެ ގާބިލުކަމަކީ ގައުމީ ސަލާމަތުގެ ރަތް ރޮނގު ކަމަށާއި، އެކަމާ ގުޅޭގޮތުން އެއްވެސް އިރެއްގައި މަޝްވަރާ ނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އީރާނުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަށްފަހު، ދެ ފަރާތުގެ ދެމެދުގައި ހަމަލާބަދަލުކުރުންތައް ހިނގާފައިވާ ދަނޑިވަޅެއްގައެވެ. އީރާނުގެ އަސްކަރިއްޔާއިން އަންނަނީ އެ ގައުމުގެ ދިފާއީ ގާބިލުކަން އިތުރުކުރުމަށްޓަކައި އަމިއްލަ އުފެއްދުންތަކަށް ބަރޯސާވާ މިންވަރު އިތުރުކުރަމުންނެވެ.



