ޓްރަމްޕް އަށް އީރާނުގެ ރައްދު: ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމުގެ ފުރުސަތު ދުވަހަކު ވެސް އެމެރިކާއަށް ނުދޭނަން
ދެންމެ | 13 ޖުލައި 2026

އެމެރިކާއިން ދެމުންދާ އިންޒާރުތަކާ ގުޅިގެން، ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމުގެ ކަންކަމުގެ ތެރެއަށް ވަނުމުގެ ފުރުސަތު އެމެރިކާއަށް ދުވަހަކުވެސް ނުދޭނެ ކަމަށް އީރާނުގެ އަސްކަރިއްޔާގެ އެންމެ މަތީ އޮޕަރޭޝަނަލް ކޮމާންޑް ޔުނިޓުން ބުނެފި އެވެ.

 

ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓާސްގެ ތަރުޖަމާނު، ލެފްޓިނަންޓް ކާނަލް އިބްރާހީމް ޒުލްފަގާރީ މިހެން ވިދާޅުވީ، އިސްތިރާތީޖީ ގޮތުން މުހިންމު އެ ކަނޑުއޮޅީގެ ކޮންޓްރޯލް އެމެރިކާއިން ނަގައިފާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، ހޯމަ ދުވަހު ދެއްވި ބަޔާނެއްގަ އެވެ.

 

ޒުލްފަގާރީ ވިދާޅުވީ، މީގެ ކުރިން ދީފައިވާ އިންޒާރުތަކާ އެއްގޮތަށް، އެއްވެސް ހާލަތެއްގައި ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމުގެ ކަންކަމުގެ ތެރެއަށް އެމެރިކާއިން އަތްބޭނުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

 

އޭނާ އިތުރަށް ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅީގެ ތެރެއަށް ވަނުމަށް އެމެރިކާއިން ތަކުރާރުކޮށް ހިންގަމުންދާ ”ފިތުނަވެރި އަދި ނުރައްކާތެރި“ އަމަލުތަކުގެ ސަބަބުން ސަރަހައްދީ ސަލާމަތާއި، ބައިނަލްއަގުވާމީ ވިޔަފާރިއާއި، ތެޔޮ ޓޭންކަރުތަކާއި މުދާ އުފުލާ ބޯޓުފަހަރުގެ ދަތުރުފަތުރަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

 

ސަރަހައްދުގެ ބައެއް ގައުމުތަކުން އެމެރިކާއާ ގުޅިގެން މަސައްކަތް ކުރާތީ އެކަމަށް ފާޑުވިދާޅުވަމުން ޒުލްފަގާރީ އިންޒާރު ދެއްވީ، އެފަދަ އެއްބާރުލުންތަކުގެ ސަބަބުން މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރިގެން ދިއުމުގެ ބިރު ބޮޑުވެފައިވާ ކަމަށެވެ.

 

އީރާނުން ކަނޑައަޅާފައިވާ މަގުތަކުން ބޭރުންނާއި، އީރާނުގެ އަސްކަރިއްޔާގެ ހުއްދައެއް ނެތި މުދާ އުފުލާ ބޯޓުފަހަރާއި ތެޔޮ ޓޭންކަރުތަކަށް ”އިސްތިއުމާރީ އަދި ކަނޑުފޭރޭ އެމެރިކާ ސިފައިން“ ކުރިމަތިކުރާ ކޮންމެ ހުރަހަކާއި ނާމާންކަމަކާ އީރާނުގެ ހަތިޔާރު އެޅި ބާރުތަކުން ވަރުގަދައަށް ކުރިމަތިލާނެ ކަމަށް ޒުލްފަގާރީ ފާހަގަކުރެއްވި އެވެ. އަދި ފާއިތުވި ދުވަސްތަކުގައި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީ.ސީ) އާއި އީރާނުގެ އަސްކަރިއްޔާއިން ދެއްކި ވަރުގަދަ ހަރަކާތްތަކަކީ މީގެ ހެއްކެއް ކަމަށްވެސް ތަރުޖަމާނު ވިދާޅުވި އެވެ.

 

ސަރަހައްދީ ލީޑަރުންނަށް ސީދާ އިންޒާރު ދެއްވަމުން އޭނާ ވިދާޅުވީ، އެމެރިކާއާއަށް ދޭ ކޮންމެ އެއްބާރުލުމަކާއި، އެ ގައުމުގެ އިސްތިއުމާރީ ސިފައިންނަށް ފޯރުކޮށްދޭ ލޮޖިސްޓިކް އެހީތެރިކަމަކީ، އީރާނުގެ އިސްތިގުލާލާއި ގައުމީ ސަލާމަތާ ދެކޮޅަށް ކުރެވޭ ހަނގުރާމައެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.

 

”މި ސަރަހައްދުގައި ހަނގުރާމަ ފެތުރިގެން ހިނގައްޖެނަމަ، އޭގެ އަލިފާނުގެ އަސަރު ސަރަހައްދުގެ ހުރިހާ ގައުމަކަށް ކުރާނެ،“ އޭނާ އިންޒާރު ދެއްވި އެވެ.

 

ޒުލްފަގާރީ ވިދާޅުވީ ސަރަހައްދުގައި އުފެދޭ ކޮންމެ ނާމާންކަމެއް ނުވަތަ ހަނގުރާމަ ފުޅާވުމުގެ ފުރިހަމަ މަސްއޫލިއްޔަތު އުފުލަންޖެހޭނީ އެމެރިކާއާއި، އެ ގައުމުގެ ”ކުށްވެރި އަސްކަރިއްޔާއަށް“ އެއްބާރުލުންދޭ ގައުމުތަކުން ކަމަށެވެ.

 

ތަރުޖަމާނު މިހެން ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އެމެރިކާއިން ނަގައިފާނެ ކަމަށާއި، އެ މުހިންމު ކަނޑުއޮޅި ބެލެހެއްޓުމުގެ ބަދަލުގައި އެމެރިކާއަށް ފައިސާ ލިބެންޖެހޭނެ ކަމަށް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވުމާ ގުޅިގެންނެވެ.

 

ފޮކްސް ނިއުސްގެ ”ފޮކްސް އެންޑް ފްރެންޑްސް“ ޕްރޮގްރާމަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ”އަހަރެމެން އެ ކަނޑުއޮޅި އަތުލާނަން، އަދި ބޮޑަށް ބެލެވެނީ އަހަރެމެން އެތަން ހިންގާނެ ކަމަށް. އަހަރެމެން ވާނީ އެ ކަނޑުއޮޅީގެ ބަލަދުވެރިޔާއަށް. ފަހަރުގައި އަހަރެމެންނަކީ އެތަނުގެ ’ގާޑިއަން އެންޖެލް އޮފް ދަ ސްޓްރެއިޓް‘. އަދި އެކަމުގެ ބަދަލު (ފައިސާ) އަހަރެމެންނަށް ލިބެންޖެހޭނެ،“ ކަމަށެވެ.

 

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ ދުޝްމަނުންނަށާއި އެމީހުންގެ ބައިވެރިންނަށް އެ ކަނޑުއޮޅި ބަންދުކޮށްފަ އެވެ.

 

އޭޕްރިލް 7 ވަނަ ދުވަހު ޓްރަމްޕް އަމިއްލައަށް އިއުލާންކުރެއްވި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް، އީރާނުގެ ބޯޓުފަހަރާއި ބަނދަރުތައް ބަންދުކުރުމުގެ ޣައިރު ގާނޫނީ އަމަލުތައް ކުރިއަށް ގެންދާނެ ކަމަށް އޭނާ އިއުލާން ކުރެއްވުމުން، އީރާނުން ވަނީ ކަނޑުއޮޅީގެ ކަންކަން ކުރިއަށްވުރެ ވަރުގަދައަށް ބަލަހައްޓަން ފަށާފަ އެވެ.

 

އާދީއްތަ ދުވަހު އެކްސް (X) މެދުވެރިކޮށް ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީ (ޕީޖީއެސްއޭ) އިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ، ސަރަހައްދުގައި އެމެރިކާ ސިފައިން ހިންގަމުންދާ ”ޣައިރު ގާނޫނީ ހަރަކާތްތަކާ“ ގުޅިގެން ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުން ހުރިހާ ފަރާތްތަކަށް ބަންދުކޮށްފައިވާ ކަމަށެވެ.

 

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެމެރިކާ ސިފައިންގެ އަމަލުތަކުގެ ސަބަބުން މިވަގުތު ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

 

ހޯމަ ދުވަހު އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާއި ކަނޑުދަތުރުފަތުރުގެ ކަންކަމާ ގުޅޭގޮތުން އޮމާނާއެކު ކުރިއަށްދާ ސިޔާސީ އަދި ފަންނީ މަޝްވަރާތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!