ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އާޖެންޓީނާއާ ދެކޮޅަށް އިންގްލެންޑް ނުކުންނަން ތައްޔާރުވަމުންދާއިރު، އިނގިރޭސި ކުރީގެ ބައެއް ކުޅުންތެރިން ދެއްކި ވާހަކަތަކަކާ ގުޅިގެން އާޖެންޓީނާގެ ބައެއް މީޑިއާތަކުން ވަރަށް ބޮޑަށް ރުޅިގަދަވެ ވަރުގަދަ ރައްދެއް ދީފިއެވެ.
ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅޭ އިނގިރޭސި ޓީމު އަންނަ ބުދަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ލިއޮނަލް މެސީގެ އާޖެންޓީނާއާ ދެކޮޅަށެވެ.
މި މެޗުގެ ކުރިން އިނގިރޭސި ބައެއް ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން އާޖެންޓީނާއާ މެދު ކަންބޮޑުނުވާ ކަމަށް ބުނުމުން، އާޖެންޓީނާގެ ނޫސްތަކުން ވަނީ އިނގިރޭސިވިލާތުގެ ޓީމަށް ހޫނު ރައްދެއްދީ އިންޒާރެއް ވެސް ދީފައެވެ. އެގޮތުން އާޖެންޓީނާގެ ނޫސްތަކުން ބުނެފައިވަނީ އިންގެރޭސީ ޓީމުން ‘ދަރަޖައަށް’ޓީމުތަކަށް ދުނިޔޭގެ ތަށި ހޯދާފައިވާ ތަރުތީބަށް އިހުތިރާމު ކުރަން ޖެހޭކަމަށެވެ. އޭގެ މާނައަކީ އާޖެންޓީނާއަކީ މީގެ ކުރިން ދުނިޔޭގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ޓީމެއް ކަމަށް ވުމުން އެ ޓީމަށް އިހުތިރާމް ކުރުމަށް ގޮވާލާފައެވެ.
“ދުނިޔޭގެ ފުޓުބޯޅައިގައި ދަރަޖަކުރުންތަކެއް އޮވޭ. އެއީ އެންމެ ގިނައިން ވޯލްޑް ކަޕް ގައި ތަށި ހޯދާފައިވާ ގޮތައް ބަލާފައި ކޮށްފައި އޮންނަ ދަރަޖައެއް. އާޖެންޓީނާއަށް އެގޮތުން ދުނިޔޭގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވުމުން އެއީ އިނގެރޭސީންނަށް ވުރެ މަތީ ދަރަޖައެއް. އެހެން ވީމަ އިނގެރޭސީން އާޖެންޓީނާއަށް އިހުތިރާމު ކުރަން ޖެހޭނެ.” އާޖެންޓީނާގެ ނޫހެއްގައި ބުނެފައިވެއެވެ.
މި މައްސަލަ އެންމެ ބޮޑަށް ހޫނުވީ އާސެނަލްގެ ކުރީގެ ފޯވާޑް އިއަން ރައިޓް ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. އޭނާ ބުނެފައިވަނީ “ޓުޗެލްގެ ޓީމުން އާޖެންޓީނާ ބަލިކޮށް، ފާއިތުވި 60 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ފައިނަލުން ޖާގަ ހޯދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް” ކަމަށެވެ.
ތާރީޚީ ވާދަވެރިކަން
މިއީ 2005 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗަކަށްފަހު މި ދެ ގައުމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. ނަމަވެސް މިއީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އޮތް އެންމެ ބޮޑު އެއް ވާދަވެރިކަމެވެ. މި ވާދަވެރިކަމުގެ ތެރޭގައި ޑޭވިޑް ބެކަމްއަށް ދެއްކި ރަތް ކާޑާއި، މައިކަލް އޯވެންގެ ހިތްގައިމު ގޯލުގެ އިތުރުން މަރަޑޯނާގެ މަޝްހޫރު “ހޭންޑް އޮފް ގޯޑް” ގޯލު ފަދަ ތާރީޚީ ހާދިސާތައް ހިމެނެއެވެ.
ކޯޗު ސްކަލޯނީގެ ވިސްނުން ތަފާތު
މީޑިއާތަކުގެ މި ފާޑުކިޔުންތަކާ ގުޅިގެން އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ވަނީ މަސްރަހު ފިނިކުރުމަށް މަސައްކަތް ކޮށްފައެވެ. ސްކަލޯނީ ބުނެފައިވަނީ މިއީ “ހަމައެކަނި ފުޓްބޯޅަ މެޗެއް” ކަމަށާއި، ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ނުވަތަ ތާރީޚީ ވާދަވެރިކަމަށް މީހުން ސަމާލުކަން ނުދިނުމަށް އޭނާ ވަނީ އެދިފައެވެ. އޭނާ އިތުރަށް ބުނީ އިންގްލެންޑަކީ އިހުތިރާމް ހައްގުވާ ޓީމެއް ކަމަށެވެ.
ބުދަ ދުވަހުގެ މެޗަށް ތައްޔާރުވަމުންދާއިރު، އާޖެންޓީނާގެ ޓީމަށް އަނިޔާގެ ބައެއް މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. އެގޮތުން ކުޓީ ރޮމޭރޯ ބަދަލުކުރަން ޖެހުމާއި ލިއޮނަލް މެސީގެ ލޮލަށް ލިބުނު އަނިޔާއެއްގެ އަޕްޑޭޓްތައް އިނގިރޭސި ޓީމުން ދަނީ ވަރަށް ގާތުން ބަލަމުންނެވެ. މި މެޗުން މޮޅުވާ ޓީމަކަށް އަންނަ އާދީއްތަ ދުވަހު އޮންނަ ފައިނަލުން ޖާގަ ލިބޭނެއެވެ.



