ޖަޕާނުން ރާއްޖެ އަށް އެއް މިލިޔަން ޑޮލަރުގެ ހިލޭ އެހީ އެއްދީފި
ދެންމެ | 15 ޖުލައި 2026

ޖަޕާނު ސަރުކާރުން ރާއްޖެ އަށް އެއް މިލިޔަން ޑޮލަރުގެ ހިލޭ އެހީއެއް ދީފި ކަމަށް ހާރިޖީ ވުޒާރާއިން ބުނެފި އެވެ.

ޖަޕާމުން މި އެހީ ދީފައި ވަނީ ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ ސްކޮލަޝިޕް މަޝްރޫއު އަށެވެ. ހާރިޖީ ވުޒާރާއިން ބުނީ މިއާ ގުޅިގެން ޖަޕާނުގެ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް)ގެ ދަށުން މި އަހަރަށް ދިނުމަށް ހަމަޖެހިފައިވާ ސްކޮލަޝިޕް ފުރުސަތު ދީ، ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ”އެކްސްޗޭންޖް އޮފް ނޯޓްސް“ ގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

ހާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އެވެ.

އެ އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 152 މިލިއަން ޖަޕާނީސް ޔެން (1,020,134 އެމެރިކާ ޑޮލަރު) ދިނުމަށް ނިންމާފައިވެ އެވެ. މި އެހީ އަކީ 2020 ވަނަ އަހަރުން ފެށިގެން ޖަޕާނު ސަރުކާރުން ދެމުން އަންނަ އެއެހީގެ ދަށުން، ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވާސިޓީތަކުގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ދިނުމަށްދޭ އެހީ އެކެވެ. ހަރިޖީ ވުޒާރާއިން ބުނީ މި ސްކޮލަޝިޕްގެ ސަބަބުން މުސްތަގްބަލުގައި އިޖުތިމާއި އަދި އިގްތިސޯދީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ގާބިލު ދިވެހި ޒުވާނުންތަކެއް ބިނާވެގެންދާނެ ކަމަށެވެ. މިހާތަނަށް ބަލާއިރު އެ ޕްރޮގްރާމްގެ ދަށުން 17 ދަރިވަރުން ދަސްވެނިވެފައިވެ އެވެ. އަދި މިހާރު ވެސް ނުވަ ދަރިވަރަކު އަންނަނީ ޖަޕާނުގައި ތައުލީމު ހާސިލުކުރަމުންނެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ސިވިލް ސަރވިސް ކޮމިޝަން، ޖަޕާނުގެ އެމްބަސީ އަދި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!