މެލޭޝިޔާއިން ފެންނަ އިސްރާއީލުގެ ކޮންމެ މީހުން ވަގުތުން ޑީޕޯޓް ކުރާނެ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެ ގައުމުގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޖޯހޯރުގައި ހުންނަ އަމިއްލަ ރެސިޑެންޝަލް ކޮމިއުނިޓީއެއްގެ އިސްރާއީލުގެ މީހަކު ދިރިއުޅެމުންދާ ކަމަށް ބެލެވޭ މައްސަލައެއް އެ ގައުމުން ދަނީ ތަހުގީގުވެސް ކުރަމުންނެވެ.
އަންވަރު ވިދާޅުވީ ކަމާބެހޭ އިދާރާތަކުން އެ ތުހުމަތުތައް ތަހުގީގު ކުރަމުންދާ ކަމަށާއި އެއީ ތެދެއްކަން ސާބިތުވެއްޖެ ނަމަ ސަރުކާރުން ކޮމްޕްރޮމައިޒް ނުވާނެ ކަމަށެވެ.
”އަޅުގަނޑުމެންނަށް އިސްރާއީލަށް ނިސްބަތްވާ އެއްވެސް މީހެއް ފެނިއްޖެ ނަމަ ވަގުތުން އެމީހުން ފޮނުވާލާނަން އަޅުގަނޑުމެން އިސްރާއީލު ބަލައިނުގަންނަން،“ އޭނާ ވިދާޅުވިއެވެ.
އިސްރާއީލުގެ ޕާސްޕޯޓް ގެންގުޅޭ މީހުންނަށް ހާއްސަ ހުއްދައެއް ނެތި މެލޭޝިއާއަށް އެތެރެވުން އާންމުކޮށް މަނާކުރެއެވެ. އެއީ އެގައުމުން އިސްރާއީލު ބަލައިނުގަންނަތީއެވެ.
މި މައްސަލައިގައި ހޯމް މިނިސްޓްރީން ތަހުގީގެއް ފެށީ ޖޯހޯރުގެ ފޮރެސްޓް ސިޓީގައި ހުންނަ ”ނެޓްވޯކް ސްކޫލް“ ނަމަކަށް ކިޔާ ޓެކްނޮލޮޖީ ސްޓާޓްއަޕް ކޮމިއުނިޓީއެއްގައި، އެހެން ގައުމުތަކުގެ ޕާސްޕޯޓު ބޭނުންކޮށްގެން އިސްރާއީލުގެ ރައްޔިތުން އުޅެމުންދާ ކަމަށް ބުނެ މީސް މީޑިއާގައި ފެތުރުނު ވާހަކަތަކަކާ ގުޅިގެންނެވެ.
މި ކޮމިއުނިޓީއަކީ ކޮއިންބޭސްގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ބާލާޖީ ސްރީނިވާސަން 2024 ވަނަ އަހަރު އުފައްދާފައިވާ ތަނެކެވެ. މިއީ މަހަކު 1،500 އެމެރިކާ ޑޮލަރު ދައްކައިގެން ބިދޭސީންނަށް ދިރިއުޅެވޭ ގޮތަށް ހަދާފައިވާ ތަނެކެވެ.
އިމިގްރޭޝަން ޑިޕާޓްމަންޓުން ވަނީ ފޮރެސްޓް ސިޓީގެ އާއްމުން ދިރިއުޅެމުންދާ ސަރަހައްދެއް ބަލާ ފާސްކުރެވުނުއިރު، 266 ބިދޭސީންގެ އަތުގައި ވެސް ސައްހަ އިމިގްރޭޝަން ލިޔެކިޔުންތައް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް ބުނެފައެވެ.



