ސިހުރު ނުހެދި ނަމަވެސް އެ އުނގެނި އުނގަންނައިދިނުމަކީ ވެސް މީހާ ކުފުރުވާވަރުގެ ބޮޑު ފާފައެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.
ހުކުރު ހުތުބާގެ މިއަދުގެ މައުޟޫއު އަކީ ސިހުރު ހާހޫރައިގެ ނުބައިކަން މިއެވެ.
ހުތުބާގައި ބުނީ ސިހުރުހާހޫރައަކީ ސިހުރުވެރިޔާ ފުމޭ ފުމުންތަކަކާއި، ކިޔަވާ ކިޔެވުންތަކަކާއި ހަދާ މަންތަރުތަކަކާއި ޖަހާ އަކަތަކަކާއި ގޮށްތަކެއް ކަމަށެވެ. އަދި އެ ނޫން ގޮތަކުން ވެސް ސިހުރުހެދޭ މީހާގެ ގައިގައި ބީހުމަކާ ނުލައި، އޭނާގެ ހަށިގަނޑަށް ނުވަތަ ވިސްނުމަށް ނުވަތަ ހިތަށް އެ ކަމަކުން އަސަރުކުރުވާ ކަންކަމެވެ. ސިހުރަކީ ކީރިތި ޤުރްއާނާއި ސުންނަތުން އޭގައި ޙަޤީޤަތެއްވާކަން އެނގޭ ކަމެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ސިހުރުހެދުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ. އަދި އެއީ ޝިރުކުގެ ޢަމަލެކެވެ. އެހެނީ ”ސިހުރުވެރިޔާ، ކޮންމެ ކަމެއްގައިމެ ޝައިޠާނާއަށް ކިޔަމަންވުމަށް އޭނާއާ އެކު ޢަހުދުކަށަވަރު ހިފައިފުމަށް ދާންދެން ސިހުރުވެރިއަކަށް ނުވެވޭނެއެވެ. ޖުނުބުވެރިކަމުން ހިނައިނުގަނެ ދިގު މުއްދަތަކަށް ހުރުމަށާއި، ފަޅު ތަންތަނަށް ނުވަތަ ކުނިބުންޏާއި ނަޖިސް ތަންތަނަށް ގޮސް، އެ ތަންތަނުގައި ގިނަ ވަގުތު ހޭދަކުރުމަށް ޝައިޠާނާ އޭނާއަށް އަމުރުކުރެއެވެ. އަދި ކީރިތި ޤުރްއާނަށް އިހާނެތިކޮށްހިތުމަށާއި، ވުޟޫއާ ނުލައި ނަމާދުކުރުމަށް އަމުރުކުރެއެވެ. ހަމަ އެހެންމެ ޖިންނިޝައިޠާނުންގެ ނަމުގައި ކަތިލައި، ޖިންނިޝައިޠާނުންގެ އެހީއަށް އެދި، އެ ނޫން ވެސް ބޮޑެތި ފާފަތަކަށް އަރައިގަނެ، އިސްލާމް ދީނުން ބޭރުވެގެން މެނުވީ ސިހުރުވެރިޔާއަށް އޭނާގެ ސިހުރު ފުރިހަމައެއް ނުކުރެވެއެވެ: ހުތުބާ
ހުތުބާގައި ބުނީ މި ސަބަބަށް ޓަކައި، ސިހުރުވެރިޔާގެ ކާފިރުކަމާއި، ނުބައިކަން ބޮޑުވެ، މާތް ﷲއާއި އެކަލާނގެ ރަސޫލާއަށާއި މުއުމިން އަޅުންނަށް ހުރި ޢަދާވާތްތެރިކަން ބޮޑުވިވަރަކަށް، އޭނާގެ ސިހުރު ބާރުގަދަވެފައި މާ އަވަހަށް އަސަރުކުރާ ކަމަށެވެ.
ސިހުރު ނުހެދި ނަމަވެސް އެ އުނގެނި އުނގަންނައިދިނުމަކީ ވެސް މީހާ ކުފުރުވާވަރުގެ ބޮޑު ފާފައެއް ކަން ފާހަގަކޮށް ހުތުބާގައި ބުނީ ބައްޔެއްވެގެން ނުވަތަ އަޖުމަބަލައިލުމުގެ ނިޔަތުގައި ނަމަވެސް ސިހުރުވެރިޔެއް ނުވަތަ ކާހިނެއްގެ ގާތަށް ގޮސް ކަމަކު އެދުމާއި ސުވާލުކުރުމާއި އެ މީހުންގެ ބަސް ޤަބޫލުކުރުން ވެސް ނަހީކުރައްވައިފައިވާ ކަމަށެވެ.
ސިހުރުވެރިޔާ ކޮންމެ ސިހުރެއްހެދި ނަމަވެސް މާތް ﷲ ތިބާއަށް ލިޔުއްވައިފައިވާ ކަމެއް މެނުވީ ނުޖެހޭނޭކަން ޔަޤީންކަމާ އެކު ހިތުގެ އަޑީން ޤަބޫލުކުރާން ޖެހޭކަން ފާހަގަކޮށް ހުތުބާގައި ބުނީ ފެންނަ ހުވަފެނެއް ނުވަތަ ގައިގައި އަޅާ ވޭނެއް ނުވަތަ ކުއްޖެއްގެ ނަތީޖާ ދަށްވުމުން ނުވަތަ މީހެއްގެ ކައިވެނި ލަސްވުމުގެ ސަބަބަކީ ސިހުރުގެ ސަބަބުން މެދުވެރިވާ ކަމެއްކަމުގައި ޤަބޫލުކުރުމަކީ މުސްލިމުން ކޮށްގެންވާނޭ ކަމެއް ނޫނެވެ.
މުސްލިމުންގެ ޢަޤީދާއަކީ ކޮންމެ ނިޢުމަތަކާއި ކޮންމެ މުޞީބާތެއް ޖެހެނީ މާތް ﷲގެ މިންވަރުފުޅުންކަން ގަބޫލުކުރުމެވެ. ފަރުޟު ފަސް ނަމާދު އޭގެ ވަގުތުގައި އަދާކުރުމާއި، ހެނދުނާއި ހަވީރުގެ ޛިކުރުތަކަށް ރައްކާތެރިވުމާއި، ގޭތެރޭގައި ކީރިތި ޤުރްއާން (ޚާއްޞަކޮށް ސޫރަތުލްބަޤަރާ) ކިޔެވުން ގިނަކުރުމަކީ ޝައިޠާނާގެ މަގުތައް ބަންދުވެ، ހިތުގައިވާ ވަހުމުތައް ފިލައިދާ ކަމެކެވެ. ބަލިމަޑުކަމެއް ދިމާވާ އިރު ފުރަތަމަ ވެސް މާތް ﷲގެ މަތީން ހަނދުމަކޮށް، އެކަލާނގެ ޙަޟުރަތުން ރައްކާތެރިކަމަށް އެދުމަކީ މުއުމިނުންގެ ސިފައެކެވެ. ފަރުވާއެއް ހޯދާ ނަމަ، އަހަރެމެން ދާންވީ ސުންނަތުން ސާބިތުވާ ޝަރުޢީ ރުޤުޔާގެ ޞައްޙަ މަގަށެވެ: ހުތުބާ
ހުތުބާގައި ބުނީ ޝަރުޢީ ރުޤުޔާއަކީ ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، ކީރިތި ރަސޫލާ އަރިހުން ސާބިތުވެފައިވާ ދުޢާތަކާއި ޒިކުރުތައް ބޭނުންކޮށްގެން ކުރެވޭ ފަރުވާއެއް ކަމަށެވެ. އަދި މީގެ ތެރޭގައި އެއްވެސް ކަހަލަ ސިއްރު ކިޔެވުމެއް، ނުވަތަ ނޭނގޭ ބަސްތަކެއް ނުވާ ކަމަށެވެ.
ޞައްޙަ ގޮތުގައި ރުޤްޔާކުރާ މީހާ، މައިންބަފައިންގެ ނަމެއް ނާހާނެއެވެ. ގޮތްނޭނގޭ ފޮތިގަނޑުތަކާއި، ތަވީދުތަކާއި، ކަރުދާސްކޮޅުތައް ގެންގުޅޭކަށް ނުބުނާނެއެވެ. އަދި މާތް ﷲ ފިޔަވައި އެހެން ފަރާތަކަށް ކަތިލުމަކަށް ނުވަތަ ދީނުގެ އަދަބާ ޚިލާފު އެއްވެސް ކަމެއް ކުރުމަކަށް ނޭދޭނެއެވެ. މި ފަދަ ކަންކަމަކީ ސިހުރުވެރީން ކުރާ ކަންކަމެވެ: ހުތުބާ
އެ ފަދަ ކަންތަކަށް ތަބަޢަނުވުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.



