މާލޭގެ ލޯކަލް މާރުކޭޓްގައި ވިއްކަން ހުރި ކަނޑޫދޫ މިރުސް ކިލޯއެއް 370 ރުފިޔާ އަށް އަރައިފިއެވެ.
މާރުކޭޓް ވިޔަފާރިވެރިއަކު ބުނި ގޮތުގައި ކަނޑޫދޫ މިރުހުގެ އަގު ބާޒާރުގައި މިހާރު 300 ރުފިޔާއަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އަގު އެހާބޮޑަށް މަތިވެފައިވަނީ ހޫނު މޫސުމާ ދިމާކޮށް މިރުސް ލިބުން ދަތިވެފައިވާތީ ކަމަށް ބެލެވޭ ކަމަށް އޭނާ ބުންޏެވެ.
“ އާންމުކޮށް މިރުސް ލިބެންޏާ 120 ރުފިޔާއަށް ކަނޑޫދޫ މިރުސް ލިބެން ހުންނާނެ. އެކަމު މިހާރު ތިން ހަފްތާވެއްޖެ މިރުހުގެ އަގު މަތިވެފައި ހުންނަތާ. ކުދި މިރުސް ކިލޯއެއް ލިބެނީ 320 ރުފިޔާއަށް. ބޮޑުތި މިރުސް ކިލޯއެއް 370 ރުފިޔާއަށް.“ އެ މީހާ ބުންޏެވެ.
ބާޒާރުގެ އެހެން އެއްޗިހީގެ އަގަށް ބަލާއިރު ކިއުކަންބާ ކިލޯއެއް ލިބެނީ 75 ރުފިޔާއަށެވެ. އިންޑިއާ ކަރާ ކިލޯއެއް ވިއްކަނީ 35 ރުފިޔާއަށެވެ. ޕެޝަންފުރުޓް ކިލޯއެއް 80 ރުފިޔާއަށް، ވަޅޯމަސް ކިލޯއެއް ލިބެން ހުރީ 125 ރުފިޔާއަށެވެ. އަދި ބަރަބޯ ކިލޯއެއް 25 ރުފިޔާއަށް، ދޮންކެޔޮ ކިލޯއެއް 35 ރުފިޔާ އާއި 40 ރުފިޔާއާ ދެމެދުގެ ހުރިކަމަށް ބުންޏެވެ. ކާއްޓެއް ލިބެން ހުރީ އަށް ރުފިޔާ އާއި 10 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.



