ރައްޔިތުންގެ މަޖިލީހަކީ އަދަބުވެރިކަމާއި ތަސައްރަފު ފުދިފައިވާ ބަޔަކު މަސައްކަތްކުރާ ތަނަކަށް ހަދަންޖެހޭ ކަމަށާއި، މަޖިލީހުގެ ތަޅުމަކީ ”ޖަނަވާރު ކޮށްޓަކަށް“ ހެދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވައި ސަލީމް މިހެން ވިދާޅުވީ، ވޭސްޓް މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯ) ގެ ތިލަފުށީ ސައިޓުގައި ރޯވެ އަނދައިގެންދިޔަ ކުނިތައް ހދ. ކުނބުރުދޫއަށް ގެންދިޔުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލުމާ ގުޅިގެން، އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް އިހުތިޖާޖު ކުރަން ފެށުމުންނެވެ.
މަޖިލީހުގެ މަސްލަހަތު ގެއްލި، ބައެއް މެންބަރުންގެ ފަރާތުން ފެނުނު އަމަލުތަކަށް އިޝާާރާތް ކުރައްވައި ސަލީމް ވިދާޅުވީ، އިއްޒަތްތެރި މެންބަރުންނަކީ އިހުލާސްތެރިކަމާއި، ތެދުވެރިކަމާއި އަދި ކެތްތެރިކަމާ އެކު މަސައްކަތް ކުރަންޖެހޭ ބައެއް ކަމަށެވެ.
”އިއްޒަތްތެރި މެންބަރުން އަޅުގަނޑުމެން އެބަ ވިސްނާލަން ޖެހޭ، އިއްޒަތްތެރި މަޖިލީހަކީ ވަރަށް އިހުލާސްތެރިކަމާ، ތެދުވެރިކަމާ ތަންކޮޅެއް ކެތްތެރިކަމާ އެކީގައި މަސައްކަތް ކުރަން ޖެހޭ މަޖިލީހެއް. މިހާރުވެސް ރައްޔިތުން އެބަ ބުނޭ މިއީ ބަކަރި ކޮށްޓެކޭ ޖަނަވާރު ކޮށްޓެކޭ، އެހެންމަ އެ ލެވެލްއަށް އަޅުގަނޑުމެން ނުދަމާ ހިނގާށޭ. ތަންކޮޅެއް ތަސައްރަފު ފުދޭ ބަޔަކަށް ވާން ހިނގާށޭ،“ ސަލީމް ވިދާޅުވިއެވެ.
ސަލީމް އިތުރަށް ވިދާޅުވީ، އޭނާ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ގަދަރާއި ހައިބަތު ގެއްލޭ ފަދަ އަމަލުތަކަށް ޖާގަ ނުދެއްވާނެ ކަމަށެވެ. އަދި މަޖިލީހުގެ ތަޅުމަކީ ޖަނަވާރު ކޮށްޓަކަށް ވުމުގެ ފުރުސަތު އެއްވެސް މެންބަރަކަށް ނުދެއްވާނެ ކަމުގެ ޔަގީންކަންވެސް އޭނާ އެރުވިއެވެ.



