ތަންފީޒީ މަސައްކަތްތަކުން ފުރަތަމަ ކުއާޓާގައި މީރާއިން 2.09 ބިލިއަން ރުފިޔާ ހޯދައިފި
ދެންމެ | 28 ޖުލައި 2026

ދަައުލަތަށް ޓެކުހާއި އެނޫން ގޮތްގޮތުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުލިބިހުރި ފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ކުރިއަށްގެންދިޔަ ތަންފީޒީ މަސައްކަތްތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ކުއާޓާގައި 2.09 ބިލިއަން ރުފިޔާ ހޯދައިފިއެވެ.

 

މީރާއިން ކޮންމެ ކުއާޓާއަކު އާއްމުކުރާ އެ އިދާރާގެ މާލީ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާގަައި މީރާއިން ކުރިއަށްގެންދިޔަ ތަންފީޒީ މަސައްކަތްތަކުގެ ތެރެއިން އެ އިދާރާއަށް 2.09 ބިލިއަން ރުފިޔާ ހޯދުނެވެ. 2025 ވަނަ އަހަރުގެ ފަހު ކުއާޓާގައި ތަންފީޒީ މަސައްކަތްތަކުން މީރާއަށް ހޯދނީ 1.46 ބިލިއަން ރުފިޔާއެވެ. އެހެންކަމުން 2026 ގެ ފުރަތަމަ ކުއާޓާގައި ތަންފީޒީ މަސައްކަތްތަކުން ހޯދުނު ފައިސާގެ އަދަދު 43 އިންސައްތަ އިތުރުވެފައިވެއެވެ.

މީރާއިން އާއްމުކުރި ހިސާބުތަކަށް ބަލާއިރު ޑިއު ކްލިއަރޭންސްް އިޖުރާއާތުގެ ތެރެއިން 617.54 މިލިއަން ރުފިޔާ ހޯދުނެވެ.

އޭގެ އިތުރަށް ފޯނާއި އީމެއިލުގެ ޒަރީއާއިން ފައިސާ ދެއްކުމަށް ހަނދާންކޮށްދީގެން 151.80 މިލިއަން ރުފިޔާ ލިބިފައިވާކަން މީރާއިން ހާމަކުރިއެވެ. އެ އިދާރާއިން ބުނެފައިވާ ގޮތުން އެކަައުންޓު ފްރީޒުކުރުމުގެ ސިޔާސަތުގެ ތެރެއިން 13.59 މިލިއަން ރުފިޔާ ހޯދިފައިވެއެެ.

އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރުމުގެ ސިޔާސަތުގެ ތެރެއިން އިތުރު 13.15 މިލިއަން ރުފިޔާ ހޯދުނުކަމަށް މީރާއިން ބުނެފައިވެއެވެ. އޭގެ އިތުރަށް ފައިސާ ނުދައްކައި ހުރި ފަރާތްތަކާއެކު ފައިސާ ދެއްކުމަށް ހަދާންކޮށްދިނުމާއި، އެކަމުގައި މަގުތައް ފަހިކުރުމަށް ކުރެވުނު މުއާމަލާތްތަކުގެ ތެރެއިން އިތުރު 1.29 ބިލިއަން ރުފިޔާ ހޯދިފައިވެއެވެ.

ފުރަތަމަ ކުއާޓާގައި ފައިސާ ނުދައްކައި ހުރި 5،776 ފަރާތަކަށް ފައިސާ ދެއްކުމަށް ނޯޓިސް ފޮނުވިއެވެ. އަދި ޓެކްސް ބަޔާންތައް ހުށަނާޅާ ހުރި 10،701 ފަރާތަކަށް ޓެކްސް ބަޔާންތައް ހުށަހަޅަން އަންގައި ނޯޓިސް ފޮނުވާފައިވާކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބުނެފައިވާ ގޮތުގައި ފައިސާ ނުދެއްކޭ ފަރާތްތަކަށް ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމުގެ ގޮތުން ދައުލަތަށް ދައްކަންޖެހޭ ފައިސާ އިންސްޓޯލްމެންޓުތަކަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު 176 ޓެކްސްޕެޔަރަކަށް އެ އިދާރާއިން ހަމަޖައްސައިދިނެވެ. އެއީ ޖުމްލަ 256.03 މިލިއަން ރުފިޔާކަމަށްވެސް މީރާއިން ބުންޏެވެ.

މީރާއިން އަންނަނީ ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމުގެ ނިޒާމު ހަރުދަނާކޮށް ނުލިބިހުރި ފައިސާ ހޯދުމުގައި އައު އުސޫލުތަކެއް ތައާރަފުކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!