އިންސާނުން ވަގަށް ވިއްކާތީ ހުށިޔާރުވުމަށް ރައީސް ގޮވާލައިފި
ދެންމެ | 30 ޖުލައި 2026

އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށާއި އިންސާނީ ވަގުފާރިއާ މެދު މުޅި މުޖުތަމަޢު ސަމާލުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤުވާމީ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި މެސެޖުގަ އެވެ.

މި މެސެޖުގައި، އިންސާނީ ކަރާމާތާއި، މިނިވަންކަމާއި، އަސާސީ ޙައްޤުތައް ޙިމާޔަތްކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ކުރާ މަސައްކަތުގައި ދިވެހިރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ދިވެހިރާއްޖެއަކީ ބައިނަލްއަޤުވާމީ ބައިވެރިވުންތަކާއި އެކި ދާއިރާތަކުގެ މަސައްކަތްތެރިންގެ މައްޗަށް އިޤްތިޞާދު ބިނާވެފައިވާ ޤައުމަކަށްވާއިރު، ރާއްޖޭގެ ބޯޑަރުގެ އެތެރޭގައި އުޅޭ ކޮންމެ މީހެއްގެވެސް އިންސާނީ ޙައްޤުތަކާއި ކަރާމާތް ރައްކާތެރިކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އެގޮތުން، މި ޒިންމާ އަދާކުރުމަށްޓަކައި މި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރައްވައި، ސައްޙަނޫން ވަރކް ޕާމިޓްތަކުގެ މައްސަލަ ހައްލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް ހިންގާ އޮޕަރޭޝަން ކުރަނގި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އެކުލަވައިލި މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ގުޅޭ ފުރަތަމަ ގައުމީ އެކްޝަން ޕްލޭނާއި، ރާއްޖޭގައި އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ފުރަތަމަ އަހަރީ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން ފަދަ ބޮޑެތި އިޞްލާޙުތައް ގެންނަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އިޞްލާޙުތަކުގެ ބޭނުމަކީ ނާޒުކު ޙާލަތްތަކުގައި ތިބޭ ފަރާތްތަކަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި ނާޖާއިޒު ފައިދާ ނަގާ ފަރާތްތައް ދެނެގަނެ، ކުށްވެރިން ޖަވާބުދާރީކުރުވުމަށް މުއައްސަސާތައް އިތުރަށް ޤާބިލުކުރުންވެސް މީގެތެރެގައި ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މޯލްޑިވްސް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓްރެޓީޖިކް ޕްލޭން 2026-2029 އެކުލަވައިލުމަކީ، އަނިޔާލިބޭ ފަރާތްތައް ދެނެގަނެ ރައްކާތެރިކަން ދިނުމާއި، ތަޙުޤީޤުކުރުމާއި ދަޢުވާކުރުމުގެ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، ބައިނަލްއަޤުވާމީ ބައިވެރިން ހިމެނޭހެން ހުރިހާ ބައިވެރިން ގުޅިގެން މަސައްކަތް ކުރުމަށް ލިބުނު ސާފު މަގުޗާޓެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އިންސާނީ ކަރާމާތަކީ އެއްވެސް އުނިކަމެއް އަތުވެގެންވާނެ އެއްޗެއް ނޫންކަން ކަށަވަރުކޮށްދެއްވަމުން، އެމަނިކުފާނު ވަނީ މުއައްސަސާތަކުން އެއް އަޑަކުން ވާހަކަދައްކާ، ގައުމުގެ ތަރައްޤީއާއެކު ޢަދުލުއިންޞާފު ޤާއިމުވެ، ކޮންމެ މީހަކަށްމެ އިޙްތިރާމާއި ޤަދަރާއެކު މުޢާމަލާތްކުރެވޭނެ ފަދަ ދިވެހިރާއްޖެއެއް ބިނާކުރުމަށް ޢަޒުމް އާކުރުމަށް ގޮވާލައްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!