އީރާނު ހަނގުރާމައިން ލިބުނީ ގެއްލުމާއި ހަލާކު، ފައިދާއެއް ނެތް: އެމެރިކާ ރައްޔިތުން
ދެންމެ | 30 ޖުލައި 2026

އެމެރިކާގެ ގިނަ ރައްޔިތުން ދެކޭ ގޮތުގައި އީރާނުގެ ހަނގުރާމައަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އޮތް ތާއިދު މިދިޔަ މަހުން ފެށިގެން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް އާ ޕޯލްއަކުން ދައްްކައިިފިއެވެ.

އެމެރިކާގެ އެސޯސިއޭޓެޑް ޕްރެސް-އެންއޯއާރްސީ ސެންޓަރު ފޯ ޕަބްލިކް އެފެއާޒް ރިސާޗްގެ އާ ސާވޭއަކުން ދައްކާ ގޮތުގައި އެމެރިކާގެ ބޮޑެތި މީހުންގެ ތިންބައިކުޅަ ދެބައި މީހުން ގަބޫލު ކުރާގޮތުގައި ފެބްރުއަރީ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަކީ އެއްވެސް ފައިދާއެއް ނެތް ހަނގުރާމައެކެވެ. އޭގެ ތެރޭގައި ޑިމޮކްރަޓުންނާއި އަމިއްލަ ކެންޑިޑޭޓުން އަދި ރިޕަބްލިކަން ޕާޓީގެ %37 މެމްބަރުން ހިމެނެއެވެ.

މި ޕޯލް ކުރިއަށް ގެންގޮސްފައި ވަނީ އެމެރިކާ އާއި އީރާނާ ދެމެދު ދެ ހަފްތާ ތެރޭގައި ދިން ހަމަލާތައް ހުއްޓާލި ފަހުން ޖުލައި 23 އިން 27 އަށެވެ. އެ ހަމަލާތައް ދިން މުއްދަތުގެ ތެރޭގައި އެމެރިކާ އިން އީރާނުގެ އަސްކަރީ އަދި ވިޔަފާރި ސައިޓްތަކަށް ހަމަލާ ދިން އިރު، އީރާނުން މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ އެމެރިކާ ސިފައިން ވަނީ މަރުވެފައެވެ. ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އެމެރިކާގެ 18 ސިފައިން ވަނީ މަރުވެފައެވެ.

މި ސާވޭއިން ދައްކާ ގޮތުގައި އީރާނުގެ ހަނގުރާމަ އަމިއްލަ ގައުމުގައި މަގްބޫލުކަމެއް ނެތެވެ. އެމެރިކާގެ ބޮޑެތި މީހުންގެ ތެރެއިން އެންމެ %28 މީހުން ޓްރަމްޕް އީރާނާއި މެދު އަމަލު ކުރާ ގޮތަށް ތާއީދުކުރާއިރު، މިއީ މިދިޔަ މަހުގެ ހެދި ސާވޭއިން ދައްކާ މިންވަރަށް ވުރެ ކުޑަކޮށް ދަށް އަދަދެކެވެ. މިދިޔަ މަހު އެ އަދަދު ހުރީ %34ގައެވެ.

ރިޕަބްލިކަން ޕާޓީގެ މެންބަރުންވެސް މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވަރަށް ބޮޑަށް ފޫހިވެފައި ތިބި ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ މެދު އަމަލު ކުރާ ގޮތް ރިޕަބްލިކަން ޕާޓީގެ %61 މީހުން ތާއިދު ކުރެއެވެ. އެކަމަކު އެއީ މިދިޔަ މަހުގެ ސާވޭއާ ބަލާއިރު ކުޑަކޮށް ދަށް އަދަދެކެވެ. މިދިޔަ މަހު އެ އަދަދު ހުރީ %71 ގައެވެ.

އަދި ޓްރަމްޕަށް އޮތް ތާއިދު މިހާރު %33 ގައި ހުރިއިރު، މިއީ ފުރަތަމަ ދައުރުގައި މި ހިސާބުގައި އޭނާއަށް ތާއިދު ހުރި މިންވަރަށް ވުރެ ތަންކޮޅެއް ދަށް އަދަދެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!