ސުވަރުގެ ވަންނަން ބޭނުން ތަ!
ދެންމެ | 01 ސެޕްޓެމްބަރ 2023

ސުވަރުގެ ދިއުމުގެ ވާހަކަ ދައްކާއިރު ނުވަތަ އެކަމަށް ވިސްނާއިރު އެންމެ ބޮޑަށް ވިސްނަން ޖެހޭ އެއްކަމަކީ ކުރާ ކަންކަން އެމީހަކަށް ވެވޭ އެންމެ ފުރިހަމައަކަށް ކުރުމެވެ. އެއީ ދިރިއުޅަށް ކުރާ މަސައްކަތް ނަމަވެސް ޢާއިލީ ޒިންމާ ނަމަވެސް އަދި ކުރާ އަޅުކަން ނަމަވެސްމެއެވެ. މިއިން އެއްވެސް ކަމެއް ފުރިހަމައަށް ނުކުރާ ނަމަ މައްސަލަ އޮންނާނެއެވެ. އެހެނީ ތިމާ ކުރަންޖެހޭ ކަންކަން ފުރިހަމައަށް ނުކުރާ މީހަކަށް ފުރިހަމައަށް އަޅުކަން ކުރުމަކީވެސް ކުރަން ފަސޭހަ ކަމަކަށް ނުވާނެތީއެވެ. ދިރިއުޅުމަށް ކުރަން ޖެހޭ ކަންކަން ފުރިހަމއަށް ކުރާ މީހާ، އަޅުކަން ކުރުމުގައިވެސް ގިނަ ފަހަރު ފަރުވާތެރިވާނެއެވެ. ކަމަށް ކަމޭހިތާނެއެވެ.

 

ކުޑައިރުންސުރެ މިއަދާއި ހަމައަށް ތިމާގެ ބޭނުންތައް ބަދަލުވަމުން އައި ގޮތާށއިމެދު ނިކަން ވިސްނައިލަބަލާށެވެ. ބޮޑުވަމުން އައި ވަރަކަށް ބޭނުންވާ ކަންކަން ބަދަލު ނުވޭހެއްޔެވެ؟ ބޭނުންވާ ތަކެތި ބަދަލު ނުވޭހެއްޔެވެ؟ ވީމާ ސުވަރުގޭގައިވެސް ވާނީ ހަމަ އެފަދަ ގޮތެކެވެ. ސުވަރުގޭގެ އަހުލުވެރިންނަށްޓަކައި ﷲ ތަޢާލާ ސުވަރުގޭގައި ލައްވަވާފައިވާ ނިޢްމަތްތައް ފެނުމުން ދުނިޔޭގައި ހުރިއިރު ގެންގުޅުނު ތިމާ ބޭނުންވާ ކަންކަމުގެ ލިސްޓުމަތިން ހަނދާންވެސް ނުހުންނާނެއެވެ.

ކުރާ ކޮންމެ ކަމެއްވެސް ފުރިހަމައަށް ކުރުމުގެ މަތިވެރިކަމުގެ ވާހަކަ މިވަރަށް މިކިޔައިދިނީ ހަމަ އެންމެ ބޭނުމަކުއެވެ. އެއީ ކުރާ ކޮންމެ އަޅުކަމެއްވެސް އެންމެ ފުރިހަމައަށް ކުރުމުގެ މުހިންމުކަން ބަޔާން ކުރުމެވެ. އަދި ދުވަހުގެ އަޅުކަން ފަތިސް ނަމާދުން ނުފަށާ މީހަކަށް އެދުވަހުގެ އަޅުކަމުން ބޮޑުބައެއް ގެއްލިލިގެން ދިއައީކަން ބަޔާންކުރުމެވެ. ފުރިހަމަ ގޮތުގައި އަޅުކަން ނުކޮށް ތިބެ ސުވަރުގެއިން ބޭނުންވާ ކަންކަމުގެ ލިސްޓް ހެދުމުން ކުރާނެ އެއްވެސް ފައިދާއެއް ނެތްކަން ވެސް ބަޔާން ކުރުމެވެ.

ކިތަންމެ ގިނަ ބާވަތެއްގެ މުދައު ހުރި ފިހާރައަކަށް ވަދެ ނަމަވެސް ބޭނުންވާ ތަކެތީގެ ލިސްޓު އެކަނި ދިނުމަކުން މުދަލެއް ނުލިބޭ ނޫން ހެއްޔެވެ؟ މުދައު ލިބެނީ އަގު އަގުއަދާކުރުމުން ނޫން ހެއްޔެވެ؟ ސުވަރުގޭގައިވެސް އޮތީ ހަމަ އެފަދަ ގޮތެކެވެ. ބޭނުންވާ ހުރިހާ ނިޢްމަތްތައް ފުނިފުންޏަށް ހުންނާނެއެވެ. ނަމަވެސް ލިބޭނީ އަގު އަދާކުރުމުންނެވެ.

އެދުވަހުގެ ފައިސާއަކީ ދުނިޔޭގައި ހުރެ ތިބާ ކުޅަ ހެޔޮ އަމަލުތައް އެކަންޏެވެ. މިދުނިޔޭގައިވެސް ބާޒާރުކުރާނެ ފައިސާ ލިބެނީ މަސައްކަތް ކުރުމުން ނޫންހެއްޔެވެ؟ އާޚިރަތުގައިވެސް އެކަން އޮތީ ހަމަ އެގޮތަށެވެ. އެކޮޅުގެ އެކައުންޓަށް ހެޔޮ އަމަލުތައް ޖަމާ ކުރެވޭނީ ދުނިޔޭގައި ހުރެ ކުރި މަސައްކަތަކުންނެވެ. ވީމާ މި ދަރުސް އިން ޢިބްރަތެއް ޙާޞިލުކުރެވޭނެ ކަމަށް އުންމީދުކުރަމެވެ.

ގުޅުންހުރި ލިޔުންތައް