ނޫމަޑި ރިސޯޓްސް މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ އެއްކޮޅަށް ހުކުމް ކުރެއްވި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބު، އެ ނިންމެވުން ނިންމެވީ ރިޝްވަތު ހިއްޕަވައިގެން ކަމަށް ބުނާ މައްސަލައެއް މިއަދު ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ޖޭއެސްސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅީ، މިދިޔަ އާދިއްތަ ދުވަހުގެ ރޭ ޕީއެންއެފްއިން ބޭއްވި ޖަލްސާއެއްގައި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. ހުސައިން ވަހީދު ތުހުމަތު ކުރެއްވި ގޮތުގައި، ރައީސް މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު ދައުލަތާ ދެކޮޅަށް ދޮގު ބަޔާން ދެއްވި ކަމަށް ބުނެ އުފުލި ދައުވާ އިން ސަލާމަތްވުމަށް، ގާޒީއަށް އަށް ލައްކަ ރުފިޔާގެ ރިޝްވަތު ދީފައިވެއެވެ.
ހުސައިން ވަހީދު ވިދާޅުވީ، ރިޝްވަތު ދިން ކަމުގެ މައުލޫމާތު އޭނާއަށް ލިބިވަޑައިގަތީ އެ މައްސަލާގައި ރައީސް މުއިއްޒުގެ ފަރާތުން ވަކާލާތު ކުރެއްވި ވަކީލެއްގެ ފަރާތުން ކަމަށެވެ. އެގޮތުން ކޯޓު މައްސަލައިން ސަލާމަތްވީ ކިހިނެއްތޯ ސުވާލު ކުރުމުން، ފަނޑިޔާރަށް އަށް ލައްކަ ރުފިޔާ ދީގެން ކަމަށް އެ ވަކީލު ބުނި ކަމަށް ހުސައިން ވިދާޅުވި އެވެ. އަދި މި ވާހަކަތަކީ ތެދުކަން ސާބިތުކޮށްދިނުމަށް ކީރިތި ގުރުއާނުގައި އަތްލައި ހުވާކުރަން ވެސް ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.
ނޫމަޑި މައްސަލައަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އަތޮޅުތެރޭގައި ހައުސިން ޔުނިޓުތަކެއް އަޅަން ހަވާލުކުރި މަޝްރޫއެކެވެ. އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވަނިކޮށެވެ. އެ އެއްބަސްވުން ބާތިލުކުރުމުން ނޫމަޑިއަށް ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދައުލަތުން ދޭން ޖެހުނެވެ.
އެ އެއްބަސްވުން ބާތިލުކުރި މައްސަލަ ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުން، އެމަނިކުފާނު ދެއްވި ބަޔާނަކާ ގުޅިގެން މިދިޔަ ސަރުކާރުން މުއިއްޒުގެ މައްޗަށް ދައުވާ ކުރި އެވެ. ނަމަވެސް، 18 މެއި 2023 ގައި ކްރިމިނަލް ކޯޓުން ނިންމީ އެ މައްސަލަ ސާބިތުނުވާ ކަމަށެވެ. ގާޒީ ސޮފްއަތު އެގޮތަށް ނިންމެވި ސަބަބެއް ކަމަށް ހުކުމުގައި ވަނީ، އާބިޓްރޭޝަނަށް ދީފައިވާ ބަޔާނަކީ ހަގީގަތުގައި ވެސް މުއިއްޒުގެ ބަޔާނެއްކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާތީ ކަމަށެވެ.
ޖޭއެސްސީއަށް ހުށަހެޅި ޝަކުވާގައި ފާހަގަކޮށްފައިވަނީ، ރިޝްވަތަށް އެދުމާއި ބަލައިގަތުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ. އަދި ފަނޑިޔާރަކާ ގުޅޭގޮތުން މިފަދަ ހާމަކަން ބޮޑު ތުހުމަތެއް ކުރެވުމަކީ ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބަލަންޖެހޭނެ ކަމެއް ކަމަށް ވެސް އެ ޝަކުވާގައި ބުނެފައިވެއެވެ.
މީގެ އިތުރުން، މިއީ ދޮގު ތުހުމަތެއް ނަމަ އެ ފަނޑިޔާރަކު އެ ތުހުމަތުން ބަރީއަކޮށްދޭން ޖެހޭނެ ކަމަށާއި، ދައުލަތުގެ ޒިންމާދާރު މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންނަށް ފަނޑިޔާރުންނާ މެދު ދޮގު ތުހުމަތުކޮށް ޝަރުއީ ދާއިރާގެ އަގު ވައްޓާލުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް ވެސް ޖޭއެސްސީއަށް ހުށަހެޅި މައްސަލާގައި ބުނެފައިވެއެވެ.



