އިސްރާއީލުގެ ”ސްދޭ ތައިމަން“ އަސްކަރީ މަރުކަޒުގެ ބަޓަލިއަން ކޮމާންޑަރާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން، އެ މަރުކަޒުގައި ތިބި ސިފައިން އޭނާގެ އަމުރަށް ނުކިޔަމަންތެރިވެ ބަޣާވާތްކޮށްފިއެވެ.
އިއްޔެ ހިނގި މި ހާދިސާއާ ގުޅިގެން، ”ގިވަތީ“ ބްރިގޭޑަށް ނިސްބަތްވާ ”ޒަފަރު“ ބަޓަލިއަންގެ ގާތްގަނޑަކަށް 100 ސިފައިން ވަނީ އެމީހުންގެ ހަތިޔާރުތައް ދޫކޮށްލުމަށްފަހު، އެނބުރި ގެއަށް ދިއުމަށްޓަކައި އަސްކަރީ މަރުކަޒުން ނުކުމެގެން ގޮސްފައެވެ.
އޭގެ ފަހުން އަސްކަރިއްޔާއިން ބުނީ އެ ސިފައިން ”ގިވާތީ“ ބްރިގޭޑްގެ ކޮމާންޑަރުގެ ކުރިމައްޗަށް ހާޒިރުކޮށް، އެމީހުންގެ މައްޗަށް ޝަރީއަތް ހިންގަން ނިންމާފައިވާ ކަަމަށެވެ. އެއިރު އަސްކަރިއްޔާއިން ބުނީ އެމީހުން ކުރި އަމަލުތަކުގެ ކުޑަބޮޑުމިނަށް ބަލައި، އެކަށީގެންވާ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށެވެ. މިކަމުގައި ގާތްގަނޑަކަށް 100 އެއްހާ ސިފައިން ބައިވެރިވެފައިވާއިރު މިކަމުގައި އިސްކޮށް ބައިވެރިވި ހުރިހާ ސިފައިން އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރެވޭނެ ކަމަށް އަސްކަރިއްޔާއިން ބުނެފައި ވެއެވެ.
މިއަދު އަސްކަރިއްޔާއިން ބުނީ އެހަމަނުޖެހުންތަކުގައި ބައިވެރިވި ގިވަތީ ބްރިގޭޑުގެ ތަޒަބާރު ބެޓަލިއަންގެ 14 ސިފައިން، 30 ދުވަހުގެ މުއްދަތަށް އަސްކަރީ ޖަލަށްލުމަށް ހުކުމްކޮށްފައިވާ ކަމަށެވެ.
އަސްކަރިއްޔާއިން ބުނި ގޮތުގައި، ގިވަތީ ބްރިގޭޑުގެ ކޮމާންޑަރު ވަނީ އެ ސިފައިން ދާއިމީކޮށް ހަނގުރާމައިގެ މައިދާނުގެ ހުރިހާ މަސްއޫލިއްޔަތުތަކުން ވަކިކުރުމަށް ނިންމައިފައެވެ.
މި ހާދިސާ ހިނގާފައިވަނީ އަސްކަރީ އަހްލާގު އަލުން ގާއިމުކުރުމަށް އިސް ކޮމާންޑަރަކު ކުރި މަސައްކަތާ މެދު އުފެދުނު ދެބަސްވުމެއްގެ ތެރެއިންނެވެ. މިކަމާ ގުޅިގެން އެތައް ސިފައިންނެއް ވަނީ އެމީހުންގެ ހަތިޔާރުތައް ދޫކޮށްލުމަށްފަހު، ހުއްދައަކާ ނުލައި މަރުކަޒުން ނުކުމެގެން ގޮސްފައެވެ.
މި މަރުކަޒުގައި ތިބޭ ސިފައިންނަކީ ފަލަސްތީނުގެ އަސީރުންނަށް ލާއިންސާނީ އަނިޔާކުރުން ފަދަ، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ކަނޑައެޅިގެން ހިލާފު ބޮޑެތި ޖަރީމާތައް ހިންގާ ކަމުގެ ތުހުމަތު މީގެ ކުރިންވެސް ވަރަށް ބޮޑަށް ކުރެވިފައިވާ ބައެކެވެ.



