ޤިޔާމަތްދުވަހުގެ ބިރުވެރިކަމާއި އެދުވަހުގެ ނާމާންކަމުން ސަލާމަތްވުމަށް އޮތް މަގަކީ އީމާންވެ ހެއު ޢަމަލުކުރުންކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
”ޤިޔާމަތްދުވަހާއި މަޙުޝަރުމައިދާނަށް ތައްޔާރުވާށެވެ!“ މި މައުޟޫއަށް ރާއްޖޭގެ އެކިކޮޅުތަކުގައި މިއަދު އިއްވި ޚުތުބާގައި ވަނީ ޤިޔާމަތް ދުވަހު މީސްތަކުންގެ ޙާލަތު ހުންނާނޭ ގޮތުގެ މައްޗަށް ވަރަށް ތަފްޞީލީ ގޮތެއްގައި އަލިއަޅުވާލާފައެވެ.
ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ޤިޔާމަތްވުމުގެ ޒަލްޒަލާއަކީ ބޮޑުވެގެންވާ ކަމެކެވެ. އެދުވަހުގެ ބިރުވެރިކަމުން، ކިރުމައިން އެކުދިންގެ ދަރިންގެ މަތިން ހަނދާންނެތި، މާބަނޑު އަންހެނުން ބަނޑުގައި އޮތް ދަރި ވިހައި، އަދި މީސްތަކުން ތިބޭނީ މަސްތުވެފައިވާ ފަދަ ޙާލަތެއްގައެވެ. ނަމަވެސް އެއީ މަސްތުގެ ސަބަބުން ވާކަމެއް ނޫން ކަމަށާއި، އެއީ اللهގެ ޢަޛާބުގެ ގަދަފަދަކަމުން ވާކަމެއްކަން ޚުތުބާގައި ފާހަގަކުރިއެވެ.
މަޙުޝަރު ބިމުގައި އެކަކު އަނެކަކަށް އެހީތެރިކަމެއް ފޯރުކޮށްނުދެވޭނެކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެދުވަހުން އިންސާނާ އޭނާގެ އަޚާއާއި، މަންމައާއި، ބައްޕަގެ އިތުރުން އަނބިދަރިންގެ ކިބައިން ފިލަން ދާނެ ކަމަށެވެ. އެދުވަހުގެ ބިރުވެރިކަމުން ކުޑަކުދިން މުސްކުޅިންނަށް ހަދާލާނެ ކަމަށާއި، އުޑު އިރައިގެންދާނެ ކަމަށްވެސް ޚުތުބާގައި ބުންޏެވެ.
މިފަދަ ބިރުވެރި ދުވަހެއްގައިވެސް މީސްތަކުން ދެބަޔަކަށް ބެހިގެންވާކަން ޚުތުބާގައި ފާހަގަކުރިއެވެ. އެއީ އުފާވެރިކަމާއި އަލިވެފައިވާ މޫނުތަކުގެ ވެރި މުއުމިނުންނާއި، ހިރަފުސް އެރި، ކަޅު އަނދިރިކަން ވެރިވެފައިވާ މޫނުތަކުގެ ވެރި ކާފިރުންނެވެ. މިއީ އީމާންވެ ހެއު ޢަމަލުކުޅަ މީހުންނަށް އެދުވަހު ބިރެއް ނެތްކަމުގެ ހެކިތަކެއް ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި އިތުރަށް ބުނީ، ޤިޔާމަތް ދުވަހު އިންސާނާގެ އަނގަ ބަންދުކުރެވި، އޭނާ ކުޅަ ޢަމަލުތަކަށް އޭނާގެ ގުނަވަންތައް ހެކިދޭނެ ކަމަށެވެ. އަތްތަކާއި ފައިތަކުގެ އިތުރުން، ކަންފަތާއި ލޮލާއި ހަންގަނޑުވެސް އިންސާނާގެ ޢަމަލުތަކަށް ހެކިދޭނެއެވެ. އަދި ކޮންމެ މީހަކު ކުޅަ ކުޑަ ކަމަކާއި ބޮޑު ކަމެއް ހިމެނިފައިވާ ޢަމަލު ފަތް އެމީހަކާ ޙަވާލުކުރެވޭނެއެވެ.
”ނަޞީބުވެރިއަކީ، އެ ދުވަހުން ނަރަކައިން މިންޖުވެ، ސުވަރުގެ ލިބުނު މީހާ،“ ޚުތުބާގައި ބުންޏެވެ.
ޚުތުބާ ނިންމާލަމުން ވަނީ ދުނިޔޭގެ ވަގުތީ އުފަލަށް ނުހެއްލި، اللهއާއި އެކަލާނގެ ރަސޫލާ ދެކެ ލޯބިވެ، ފާފަތަކަށް ތައުބާވެ ހެއު ޢަމަލުތައް ގިނަކުރުމަށް ހުރިހާ މުސްލިމުންނަށް ނަސޭހަތްތެރިވެފައެވެ.



