ހަސީނާ އިންޑިއާގައި ހުންނަވާ ސިޔާސީ ތަގުރީރެއް ދެއްވަން އުޅޭތީ ހޫނުވެއްޖެ
ދެންމެ | 04 އޯގަސްޓް 2026

އަމިއްލަ ގައުމުގެ ރައްޔިތުންނަށް ފިއްލަވައިގެން އިންޑިއާގައި ދިރިއުޅުއްވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ، ނިއު ދިއްލީގައި ހުންނަވައިގެން ”ސިޔާސީ ތަގުރީރު“ ކުރެއްވުމަށް ރާއްވަވަމުން ގެންދަވާތީ އެކަމާ މެދު އިންޑިއާ އިން ދެކޭ ގޮތް ސާފުކޮށްދިނުމަށް ބަންގްލަދޭޝްއިން އެދި ދެ ގައުމުގެ ސިޔާސީ ގުޅުން ހޫނުވާން ފަށައިފި އެވެ.

ބަންގްލަދޭޝް އިން ވަނީ ކުށްވެރިއަކު ފިލައިގެން ހުރެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ފުރުސަތު ދިނުމަކީ، ދެ ގައުމުގެ ދެމެދުގައި ރަނގަޅުވަމުން އަންނަ ގުޅުމަށް ބުރޫއަރާފާނެ ކަމެއް ކަމަށް ބުނެ އިންޒާރު ދީފަ އެވެ.

”ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން އިންޑިއާއާ އެކު ކުރިއަށް މިދަނީ. އެ ކުރިއެރުމަށް އަސަރު ކުރާކަށް ބޭނުމެއް ނޫން. އިންޑިއާގެ ސްޓޭންޑާ މެދު ސާފުވާން ޖެހޭ،“ ހޯމަ ދުވަހުގެ ރޭ ދަންވަރު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބަންގްލަދޭޝްގެ ސްޓޭޓް މިނިސްޓަރު ޝާމާ އޮބާދު އިސްލާމް ވިދާޅުވިއެވެ.

އިސްލާމް ވިދާޅުވީ ހަސީނާ އާއި އަވާމީ ލީގުގެ އެހެން ލީޑަރުން އިންޑިއާގެ ފަސްގަނޑުން ސިޔާސީ ބަޔާންތައް ނެރުމާ ގުޅިގެން ބަންގްލަދޭޝްގެ ކަންބޮޑުވުންތައް ތަކުރާރުކޮށް އިންޑިއާއަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

ޝެއިހް ހަސީނާ، ނިއު ދިއްލީގައި ހުންނަވައިގެން ދެއްވާ ”ސިޔާސީ ތަގުރީރު“ އިންތިޒާމް ކުރާ ފޮރިން ކޮރެސްޕޮންޑެންޓްސް ކްލަބުން ބުނީ ހަސީނާ، ނިއު ދިއްލީގެ ހަރަކާތުގައި ތަގުރީރު ކުރައްވާނީ އޭނާގެ ދަރިކަލުން ސަޖީބް ޒެދު ޖޯއީ އާއި އެހެނިހެން ބޭފުޅުންނާ އެކު ވީޑިއޯ ލިންކު މެދުވެރިކޮށެވެ.

2024 ވަނަ އަހަރު ދަރިވަރުން އިސްނަގައިގެން ހިންގި ވަރުގަދަ މުޒާހަރާތަކަކާ ގުޅިގެން މަގާމުން ދުރުކުރުމުން ހަސީނާ ވަނީ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފަ އެވެ. ހަސީނާ މިފަހުން ވިދާޅުވީ މިި އަހަރުގެ ތެރޭގައި އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށެވެ.

ރައްދުގައި ހޯމް މިނިސްޓަރު ސަލާހުއްދީން އަހްމަދު ވިދާޅުވީ، އޭނާ އަނބުރާ ގައުމަށް ގެނެސް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުން ދެމިއޮންނާނެ ކަމަށެވެ.

ބަންގްލަދޭޝް އިން އޭނާ އަނބުރާ ގެނައުމަށް މަސައްކަތް ކުރަމުންދާއިރު، 2024 ވަނަ އަހަރުގެ މުޒާހަރާތައް ހުއްޓުވުމަށް ހިންގި އަމަލުތަކަކީ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް ކަމަށް ނިންމައި، 2025 ވަނަ އަހަރު ބަންގްލަދޭޝްގެ ކޯޓަކުން ވަނީ އޭނާ މަރަން ހުކުމްކޮށްފަ އެވެ.

އދ. އިން އަންދާޒާކުރާ ގޮތުގައި އެ ހަމަނުޖެހުންތަކުގައި 1,400 އެއްހާ މީހުން މަރުވެފައިވެ އެވެ. ނަމަވެސް ހަސީނާ ވަނީ އެ ހުކުމަކީ ގާނޫނީ ގޮތުން ސައްހަ ހުކުމެއް ނޫން ކަމަށް ބުނެ އެކަން ބަލައިގަންނަން އިންކާރުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!