ވެހިކަލްތަކުން އަހަރީ ފީ ގޮތުގައި މާލެ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލްގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭގޮތް ހަދައިދިނުމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ގޮވާލައްވައިފިއެވެ.
ވަޒީރު އެހެން ވިދާޅުވީ މިއަދު މަޖިލީހަށް ވަޑައިގެން މައްޗަންގޮޅި ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ޒަމީރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. ޒަމީރު ވިދާޅުވީ ކައުންސިލްގެ ބަޖެޓު އެންމެ ފަހުން އިއުލާން ކުރިއިރު، މާލޭގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި 130-140 މިލިއަން ރުފިޔާގެ އާމްދަނީއެއް ކައުންސިލަށް ލިބޭކަން އެނގެން އެބައޮތް ކަމަށެވެ. އެ އަދަދަށް ފައިސާ ލިބުނު ނަމަވެސް މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ވިސްނުމެއް ކައުންސިލަކު ނެތް ކަމަށް ވިދާޅުވިއެވެ. ފެންނަނީ ކައުންސިލުން ގާ ނަގައި ގާ ފުރޮޅާ ތަން ކަމަށާއި އެހެންކަމުން ސަރުކާރުން މާލޭގެ މަގުތައް ހެދުމުގެ ވިސްނުންފުޅު ހުރީ ކިހިނެއްތޯ ޒަމީރު ސުވާލުކުރެއްވެވިއެވެ.
ޑރ. މުއްތަލިބް ވިދާޅުވީ ޒަމީރު ދެއްކެވީ ވަރަށް ރަނގަޅު ވާހަކައެއް ކަމަށެވެ. މާލެ އަދި ހުޅުމާލެ ހިމެނޭހެން ގާތްގަނޑަކަށް 150 މިލިއަނެއްހާ ރުފިޔާ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ކަމަށާއި ނަމަވެސް ކައުންސިލުން މަގު މަރާމާތު ކުރުމަށް ކުރާ ކަމެއް ނެތް ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
މަގު ހެދުމަކީ ކައުންސިލްގެ މައްޗަށް މަތިކޮށްފައިވާ ކަމެއް ކަމަށާއި ސަރުކާރުން ތާރު އަޅާފައި ހުންނަ މަގެއް ކަނޑާލަން ހުއްދަ ދީފައި އެ ތަން ހަލާކު ކޮށްލާފައި ދާއިރު، އެ ތަން ރަނގަޅު ކުރުމުގެ ކެޕޭސިޓީއެއް ވެސް ކައުންސިލްގައި ނެތް ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
”މަގުތައް އެކި ބޭނުންތަކަށް ކަނޑާއިރު، އެ ކަނޑަން ޖެހޭ ގޮތާއި އެ ތަންތަން އެއަށް ފަހު މަރާމާތު ކުރަން ޖެހޭ ގޮތް ހިމެނޭ ސްޓޭންޑާޑް ގައިޑްލައިނެއް ވެސް މިނިސްޓްރީން އެކުލަވާލައި ކައުންސިލަށް ފޮނުވާފައިވާނެ. 150 މިލިއަން ރުފިޔާއަށް މަގު މަރަމާތުކުރުމަށް ތާރު ކައްކާފައި އެޅޭނެވަރުގެ ކެޕޭސިޓީއެއް ބިލްޑްނުކުރުމަކީ އަޅުގަނޑަށް ހީވަނީ ކައުންސިލްގެ ޒިންމާ އަދާ ނުކުރުމުގެ ގޮތުން ކުރާ ކަމެއްހެން. އެ ފައިސާ ދަނީ ކޮންތާކަށްތޯ ބަލަން އެބަޖެހޭ،“. ޑރ. މުއްތަލިބް ވިދާޅުވިއެވެ.
އެ ހުރިހާ ފައިސާތަކެއް ކައުންސިލަށް ލިބޭއިރު މާލޭގެ މަގުތައް ހަލާކުވުމުން އެ ތަންތަން ހަދަން މިޖެހެނީ ސަރުކާރަށް ކަމަށް ޑރ. މުއްތަލިބް ވިދާޅުވިއެވެ. އަދި ކައުންސިލްގެ ހުއްދައިގެ ދަށުން މަގެއް ކަނޑާ ހާލަތުގައި އެ ތަން ވެސް މަރާމާތު ކުރަން ޖެހެނީ ސަރުކާރަށް ކަމަށް ޑރ. މުތައްލިބު ވިދާޅުވިއެވެ.



