ރާއްޖޭގެ މެދަށާއި ދެކުނަށް ހެސްކިޔާފައި މޫސުމް ގޯސްވާނެ: މެޓް
ދެންމެ | 04 އޯގަސްޓް 2026

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، މިރޭ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް މޫސުން އިތުރަށް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.

މިދިޔަ ހަފުތާއިން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެފައިވާއިރު، މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ހަފުތާގެ ބާކީ އޮތް ދުވަސްތަކުގައި ވެސް ވިއްސާރައިގެ އަސަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރާނެއެވެ. އެގޮތުން، މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭވެހޭނެ ކަމަށާއި، ވަކިން ހާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ވައިގެ ބާރުމިނަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ވިދާޅުވެފައެވެ.

ކަނޑުތަކުގެ ހާލަތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި ގަދަވާނެއެވެ. ނަމަވެސް މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ. ރާޅުގެ އުސްމިން އުތުރާއި މެދުތެރޭގައި 4 ފޫޓާއި 6 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭއިރު، ދެކުނުގައި ހުންނާނީ 2 ފޫޓާއި 4 ފޫޓާ ދެމެދުގައެވެ.

މާދަމާވެސް މެދުރާއްޖެތެރެއާއި ދެކުނަށް ވިއްސާރަކުރާނެ ކަމަށާއި އުތުރުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭއިރު، ހުކުރު އަދި ހޮނިހިރު ދުވަހު ވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މުޅި ރާއްޖެއަށް މޫސުން ގޯސް މި ދުވަސްވަރު، ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!