ޖަލުތަކުގެ ޖާގަ އިތުރުކޮށް ރިހެބިލިޓޭޝަން ނިޒާމު ވަރުގަދަކުރުމަކީ ސަރުކާރުގެ އިސް ސިޔާސަތެއް: އިހުސާން
ދެންމެ | 11 އޯގަސްޓް 2026

ދިވެހިރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް، ގައިދީންނަށް ބޭނުންވާ ރިހެބިލިޓޭޝަން ނުވަތަ އަނބުރާ މުޖުތަމައަށް ނެރުމަށް ބޭނުންވާ ތަރުބަވީ ނިޒާމު ހަރުދަނާކުރުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒު ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް މިނިސްޓްރީން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މި މަސައްކަތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖަލުތަކުގައި ޖާގަ ނެތުމާއި، މިހާރު ހުރި ޖަލުތަކުގައި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގޭނެ ފަދަ ތަނަވަސްކަމެއް ނެތުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

”މިހާތަނަށް ރާއްޖޭގެ ޖަލުތައް މި އޮތީ ހަމައެކަނި މީހުން ބަންދުކޮށްފައި ބައިތިއްބާ ތަންތަނުގެ ގޮތުގައި. އަޅުގަނޑުމެންގެ ކޮންސެޕްޓަކީ ޖަލުތަކުގެ ޖާގަ އިތުރުކޮށް، ގައިދީންނަށް ބޭނުންވާ ރިހެބިލިޓޭޝަން ފޯރުކޮށްދެވޭނެ ފުރިހަމަ ނިޒާމެއް ގާއިމުކުރުން،“ މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޖަލުތަކުގެ ނިޒާމަށް ލިބުނު ގެއްލުންތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މާލޭގައި 47 މިލިއަން ރުފިޔާ ހަރަދުކޮށްގެން ބިނާކުރި 400 މީހުންގެ ޖާގަ ހިމެނޭ ޖަލެއް ތަޅާލަން ޖެހުނު ކަމަށެވެ. އެއީ އެ ޖަލާ އިންވެގެން ދަރުމަވަންތަ ސްކޫލް އެޅުމަށްފަހު، ސްކޫލެއް ކައިރީގައި ޖަލެއް ހުރެގެން ނުވާނެ ކަމަށް ބުނެ ނިންމި ނިންމުމެއްގެ ސަބަބުން ވީ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”މި ސަރުކާރުން މިދިޔަ މުއްދަތުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދިނީ ގެއްލިގެން ދިޔަ އެ 400 ޖާގަ އަލުން ބިނާކުރުމަށް. އަޅުގަނޑުމެންގެ ސިޔާސަތަކީ ޖަލުގައި ތިބޭ ފަރާތްތަކަށް އިންސާނީ ކަރާމާތާއި އިހުތިރާމާއެކު، ރިހެބިލިޓޭޝަންގެ ފުރިހަމަ ނިޒާމެއްގެ ތެރެއިން ބޭތިއްބޭނެ ގޮތް މަގުފަހިކުރުން،“ މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ ޖަލުތަކަކީ ހަމައެކަނި އަދަބު ދޭ ތަންތަނުގެ ބަދަލުގައި، ކުށްވެރިން އިސްލާހުކޮށް މުޖުތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި ނެރެދޭ ތަންތަނަށް ހެދުމަށެވެ. މި މަސައްކަތުގެ ދަށުން ކުރިއަށް އޮތް ތަނުގައި ޖަލުތަކުގެ އުމްރާނީ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާނެ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!