އެމެރިކާއާއި ހުޅަނގުގެ އެންމެ ޒަމާނީ އަސްކަރީ ދިފާއީ އައްޑަނަތައް މުގުރާލައި، ސިއްސުވާލާ ފަދަ ވަރުގަދަ މިސައިލް ޓެކްނޮލޮޖީއެއް އުފައްދައިފި ކަން އެ ޤައުމުން ކުއްލި ގޮތަކަށް އިއުލާންކޮށްފިއެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) ގެ ތަރުޖަމާނު ދެއްވި ބަޔާނަކާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، އީރާނުގެ އާ މިސައިލްތަކަކީ އެމެރިކާގެ އަގުބޮޑު ވައިގެ ދިފާއީ ނިޒާމުތަކަށް ކޮންޓްރޯލް ނުކުރެވޭނެ އަދި އެ ނިޒާމުތަކުގެ ލޭޑާތަކަށް އޮޅުވާލާ ފަދަ ”ސްމާޓް“ ހަތިޔާރުތަކެކެވެ. މިއީ މުޅި މެދުއިރުމަތީގެ ބާރުގެ މިސްރާބު ބަދަލުކޮށްލާނެ ބިރުވެރި އިންޒާރެކެވެ.
މި ހަބަރު ދުނިޔޭގެ ސަމާލުކަމަށް އައީ އީރާނުގެ މިސައިލްތަކަށް އުދުހެމުންދާ ވަގުތު، ނުވަތަ ”މިޑް-ފްލައިޓް“ ގައި ވެސް އޭގެ އަމާޒު މުޅިން ބަދަލުކޮށްލުމުގެ ގާބިލްކަން ލިބިފައިވާކަން ހާމަކުރުމުންނެވެ.
އީރާނު ތަރުޖަމާނު ވިދާޅުވި ގޮތުގައި ވަކި ހާއްސަ ތަނަކަށް ހަމަލާދޭން ފޮނުވާލާ މިސައިލެއް ނަމަވެސް، ވައިގެ ތެރެއިން ކުއްލިއަކަށް އޭގެ ރާޑަރު ބަދަލުކޮށް، ދެވަނަ އަމާޒަކަށް ފޮނުވާލުމުގެ ފުރުސަތު އީރާނަށް އޮވެއެވެ. މިއީ އެމެރިކާގެ ޕެޓްރިއޮޓް ފަދަ ދިފާއީ ނިޒާމުތަކުގެ ހިސާބުތައް މުޅިން ސުންނާފަތިކޮށް، އެ ނިޒާމުތައް ”ހެކްކޮށްލުން“ ފަދަ ނުރައްކާތެރި ކުރިއެރުމެކެވެ.



