ފިފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން ވަކިކުރުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް މިހެން ވިދާޅުވީ، އިންފަންޓީނޯއާ ދެކޮޅަށް ފިފާގެ ތެރޭގައި ޕްރެޝަރުތަކެއް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
އިންފަންޓީނޯއަށް ޓްރަމްޕް ތާއީދު ކުރައްވާފައި މިވަނީ، ޔޫއެފާ، ކޮންކާކަފް އަދި އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ) ގުޅިގެން ނެރުނު ބަޔާނެއްގައި، އިންފަންޓީނޯ ”އޮޅުވާލުންތަކެއްގެ“ ތެރެއިން އިތުބާރު ގެއްލުވާލާފައިވާ ކަމަށް ތުހުމަތުކޮށްފައި ވަނިކޮށެވެ. މި ތުހުމަތުތައް އަމާޒުވީ ފީފާ ފޯވާޑް އެންޓަޕްރައިޒް (އެފްއެފްއީ) ގެ ނަމުގައި އިންފަންޓީނޯ ހުށަހެޅުއްވި ޕްލޭނަކާ ގުޅިގެންނެވެ.
އެފްއެފްއީ ޕްލޭނަކީ ވޯލްޑް ކަޕް ހިމެނޭ ގޮތަށް ފީފާގެ ހުރިހާ މުބާރާތްތަކެއްގެ ކޮމާޝަލް އަދި ޓިކެޓް ވިއްކުމުގެ ހައްގުތައް ބެލެހެއްޓުމަށް އާ ކުންފުންޏެއް އުފައްދައި، އޭގެ 21 އިންސައްތަ އަމިއްލަ އިންވެސްޓްމަންޓް ކުންފުންޏަކަށް ވިއްކާލުމަށް ހުށަހެޅި ޕްލޭނެކެވެ. މި ޕްލޭންގެ ފަހަތުގައި އޮތީ ޓްރަމްޕްގެ ދަނބިދަރި ޖެރެޑް ކުޝްނާގެ ކޮއްކޮ ޖޯޝުއާ ކުޝްނާގެ އެމެރިކާގެ ވެންޗާ ކެޕިޓަލް ފާމެއް ކަމަށްވާ ”ތުރައިވް އީޓާނަލް“ އެވެ.
”ފިފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން ވަކިކުރުމަށް އެއްވެސް ސަބަބަކާ ހުރެ ވިސްނާނަމަ، އެއީ ފިފާއިން ހަދާނެ ވަރަށް ބޮޑު ގޯހެއް.“ ސޯޝަލް މީޑިއާގައި ޓްރަމްޕް ލިޔުއްވާފައިވެއެބވެ.
އޭނާ އިތުރަށް ވިދާޅުވީ އިންފަންޓީނޯއަކީ ވަރަށް މޮޅު ބޭފުޅެއް ކަމަށާއި، އޭނާގެ ރިޔާސަތުގައި ބޭއްވި ވޯލްޑް ކަޕަކީ ތާރީޚުގައިވެސް އެންމެ ކާމިޔާބު ވޯލްޑް ކަޕް ކަމަށެވެ.
މިއަހަރުގެ ވޯލްޑް ކަޕް ބާއްވާފައިވަނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެންނެވެ. މި މުބާރާތުގެ ޗެމްަންކަން ހޯދީ ފައިނަލުގައި އާޖެންޓީނާ ބަލިކުރި ސްޕެއިންއެވެ. އިންފަންޓީނޯއަކީ ޓްރަމްޕްއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެއް ކަމަށްވާއިރު، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންފަންޓީނޯ ވަނީ ޓްރަމްޕަށް ފީފާގެ ފުރަތަމަ ޕީސް ޕްރައިޒް އަރުވާފައެވެ.
ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔޫއެފާ) އިން ވަނީ ފީފާގެ ހުރިހާ މުބާރާތްތަކެއް ބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި އިންފަންޓީނޯ މަގާމުގައި ދެމިހުރެއްޖެނަމަ، ވަކި މުބާރާތްތަކެއް ބޭއްވުމާ ބެހޭގޮތުން ތިން ކޮންފެޑަރޭޝަނުން މަޝްވަރާ ކުރަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!