މޯލްޑިވިއަނުން ޑީއެޗްސީ- 6 ޓްވިން އޮޓާ ކްލަސިކް 300- ޖީ މަރުކާގެ ދެ ބޯޓު ގަތުމަށް ކެނެޑާގެ ޑި ހެވިލަންޑް ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއީ ދުނިޔޭގައި އެންމެ ގިނައިން ޓްވިން އޮޓާ ބޯޓުތައް އޮޕަރޭޓްކުރާ ރާއްޖޭގެ މާކެޓަށް މި މަރުކާގެ ބޯޓުތައް ގެނައުމަށް އެއްބަސްވި ފުރަތަމަ ފަހަރެވެ.
މި އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއެވެ. އަދި ޑި ހެވިލަންޑް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އޭޝިއާ ޕެސިފިކް އަދި މިޑުލްއީސްޓް ސަރަހައްދުގެ ވައިސް ޕްރެޒިޑެންޓް ސޭލްސް ޔޮގޭޝް ގާރގްއެވެ.
އިޔާސް ވިދާޅުވީ އެ ބޯޓުތަކުގެ ބަރުދަން ލުއިވުމުގެ ސަބަބުން ގިނަ އަދަދެއްގެ ފަސިންޖަރުންނާއި މުދާ އުފުލުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ. އޭގެ ސަބަބުން ރިސޯޓުތަކަށް ފަތުރުވެރިން އުފުލުމުގައި މިހާރު ހުރި ގޮންޖެހުންތަކަށް ހައްލެއް ލިބި، އާ މަންޒިލްތަކަށް ދަތުރުތައް ފެށުމުގެ ގާބިލުކަން އިތުރުވެގެންދާނެކަމަށް މޯލްޑިވިއަންއިން ބުންޏެވެ.
މީގެ އިތުރުން، ބޯޓުގެ ބަރުދަން ލުއިކުރުމުގެ ސަބަބުން ގިނަ އަދަދެއްގެ ފަސިންޖަރުންނާއި ދަބަސް އުފުލުމުގެ ފުރުސަތު ލިބި، އޮޕަރޭޝަންތަކުގެ ހަރަދު ކުޑަވެގެންދާނެ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.
ޓްވިން އޮޓާ ބޯޓުތަކަކީ ދުނިޔޭގެ އެންމެ ގިނަ ގަޑިއިރު ދަތުރުކޮށްފައިވާ، އިތުބާރު ހުރި އުޅަނދުތަކެކެވެ. އެ ކުންފުނީގައި މިހާރު ވެސް 11 ޓްވިން އޮޓާ މަތިންދާބޯޓު ބޭނުން ކުރެ އެވެ.



