ކޮންމެ ދިވެހި ޒުވާނަކަށްވެސް އެ މީހެއްގެ ފުރިހަމަ ޤާބިލިއްޔަތަށް ވާސިލުވެވޭނޭ ފަދަ ފަހި މާހައުލެއް އުފައްދައިގެން، ޒުވާނުން ބާރުވެރިކުރުވުމުގެ އަޒުމުގައި ދިވެހި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން ފޮނުއްވި ހާއްސަ މެސެޖުގަ އެވެ.
ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 45 އިންސައްތަ އަކީ ޒުވާނުންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރުމުގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ހަނދުމަފުޅުކޮށްދެއްވާފަ އެވެ. އެގޮތުން، ދީނީ، ތައުލީމީ، ސައިންސް އަދި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ހޯދަމުންދާ ކާމިޔާބީތަކާއި ކުރާ އުންމީދުތަކަށް ސާބަސްދެއްވައި، މި ކަންކަމުން ހެކިކޮށްދެނީ މި ޖީލުން ކާމިޔާބީއަށް ވާސިލުވުމަށް ކުރާ މަސައްކަތްތައްކަމުގައި ރައީސްގެ މެސެޖުގައި ވަނީ ވިދާޅުވެފަ އެވެ.
ތައުލީމީ ދާއިރާއިން ހޯދާ ކާމިޔާބީތަކާ އެއްވަރަށް ވަޒީފާގެ މައިދާނުގައި ފުރުސަތު އުފެއްދޭކަން ކަށަވަރުކުރުމަށްޓަކައި، ޤައުމީ ފެންވަރުގައި މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް އިތުރުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށްވެސް ރައީސްގެ މެސެޖުގައި ވަނީ ވިދާޅުވެފަ އެވެ. އެގޮތުން، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕުރޮގުރާމާއި، ނޭޝަނަލް ސާވިސް ޕުރޮގުރާމު ފަރުމާކޮށްފައިވަނީ، ތައުލީމީ މައިދާނުން ވަޒީފާގެ މައިދާނަށް ދިއުމުގެ އިންތިގާލީ މަރުހަލާ އޮމާންކޮށްދިނުމަށްކަން އެމަނިކުފާނު ވިދާޅުވި އެވެ.
ދިވެހި ޒުވާނުންގެ މައްޗަށް އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް އިތުބާރު ހާމަކުރައްވަމުން، ޒުވާނުންގެ ހިޔާލުތަކާއި، އަޑާއި، އުންމީދުތަކަކީ، ޤައުމީ ތަރައްޤީއަށް އަގުހުރި އުންސުރުތަކެއްކަމުގައި ރައިސް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި ދިވެހި ޒުވާނުންގެ ބުންވަރާއި ވިލުންތެރިކަމަށް ތައުރީފުކުރައްވައި އެމަނިކުފާނު ވަނީ، ޒުވާނުންގެ އިހްލާސްތެރިކަމުގެ ބާރުން، ފުދުންތެރިކަމާއި، ވިލުންތެރިކަމާއި، ދެމެހެއްޓެނިވި ތަރައްގީ ގެ މަންޒިލަށް ޤައުމު މިސްރާބު ޖަހާނޭކަން ޔަޤީންކުރައްވާކަމަށް ވިދާޅުވެފަ އެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 12 ވަނަ ދުވަސް، ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ޒުވާނުންނާ ގުޅުންހުރި މައްސަލަތަކާމެދު ހޭލުންތެރިކަން އިތުރުކޮށް، ބައިނަލްއަޤުވާމީ ތަރައްޤީގެ ބައިވެރިންކަމުގައި ވުމަށް ޒުވާނުންގެ ކިބައިގައިވާ ޤާބިލިއްޔަތު ފާހަގަކުރުމަ ށެވެ.



