ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އެ އޮފީހުގެ ހުރިހާ ނިންމުންތަކެއް ނިންމާފައި ވާނީ ވަކި މީހެއްގެ މަގާމަކަށް ނުވަތަ ނުފޫޒަކަށް ބެލުމެއްނެތި، ހަމައެކަނި ގާނޫނާއި ގަވާއިދުތަކުގެ މައްޗަށް ބިނާކޮށްކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި، ޕީޖީ އޮފީހުގެ މަސައްކަތްތަކަކީ ފުރިހަމައަށް ޖަވާބުދާރީވެވޭނެ، އަދި ހާމަކަން ބޮޑު ނިޒާމެއްގެ ތެރެއިން ހިނގަމުންދާ ކަންކަންކަމަށް އައްބާސް ފާހަގަކުރެއްވިއެވެ. އެގޮތުން، އެ މުއައްސަސާގެ ކޭސް މެނޭޖްމަންޓް ނިޒާމަކީ އޮޓޮމޭޓްކުރެވިފައިވާ ފުރިހަމަ ނިޒާމަކަށްވުމާ އެކު، ނިންމާ ކޮންމެ ނިންމުމެއް ފަސޭހަކަމާ އެކު އޮޑިޓްކޮށް މުރާޖާކުރެވޭނެކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ.
އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތުތަކާއި ހައްގުތައް ހިމެނޭތީ، ޕީޖީ އޮފީހުގެ ބައެއް ޑޭޓާތަކަކީ އާންމުކޮށް ހާމަނުކުރެވޭނެ މައުލޫމާތުތަކެއްކަން އައްބާސް ފާހަގަކުރެއްވިއެވެ. ނަމަވެސް، މައުލޫމާތު ސިއްރުކުރަން ޖެހުމުގެ ސަބަބުން ބައެއް ފަރާތްތަކަށް އޮޅުންތަކެއް އެރި ނަމަވެސް، އޭނާއާއި މުޅި މުއައްސަސާގެ މުވައްޒަފުން މަސައްކަތްކޮށްފައި ވަނީ ގާނޫނީ ވާޖިބުތައް އެންމެ ފުރިހަމައަށް އަދާކުރުމުގެ މަތިވެރި އަޒުމުގައިކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން މަސައްކަތްތައް ހަލުވިކުރުމަށް ފަށާފައިވާ ”ޕީޖީއޯ 2.0“ މަޝްރޫއުގެ މައްޗަށް ވެސް އޭނާ އަލިއަޅުއްވާލެއްވިއެވެ. ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ފުރިހަމަކުރުމަށް އަމާޒުހިފާފައިވާ މި ޑިޖިޓަލް ބަދަލާ އެކު، ކުރިން 48 ގަޑިއިރު ނެގި މައްސަލަތައް މިހާރު އެންމެ 6 ގަޑިއިރު ތެރޭގައި ނިންމާލެވެއެވެ. އަދި ބޮޑެތި ޖިނާއީ މައްސަލަތައް ވެސް 48 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހުށަހެޅޭ ފެންވަރަށް އޮފީހުގެ ހިންގުން ވަނީ ހަރުދަނާކުރެވިފައެވެ.



